ޤައިދީން އަނބުރާ މުޖުތަމަޢަށް ނުކުންނައިރު، އެހެން ބައެއްގެ ދަށުގައި މަސައްކަތް ކުރުމުގެ ބަދަލުގައި އަމިއްލަ ކޮންސްޓްރަކްޝަން ކުންފުނިތައް އުފައްދައި، މަސައްކަތްތައް ބެލެހެއްޓޭ ފެންވަރަށް އެމީހުން ތަމްރީނުކުރުން މުހިންމު ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ޖަލު އޮފިސަރުންނާއި ޤައިދީން ގުޅިގެން ބިނާކުރި އައްސޭރި ޖަލުގެ އައު އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު އިޙްސާން ވަނީ ޤައިދީންނާއި އޮފިސަރުންގެ ފަންނުވެރިކަން ފާހަގަކުރައްވައި، ޤައިދީންގެ ހުނަރުތައް އިތުރަށް ތަރައްޤީކުރުމަށް ބާރުއަޅުއްވާފައެވެ.
މި ޒިޔާރަތުގެ ތެރެއިން އައްސޭރި ޖަލުގައި ކެއިންބުއިމުގެ އިންތިޒާމުތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކައި އައު ބަދިގެ އިމާރާތެއްގެ ބިންގާވެސް ވަނީ އަޅުއްވައިދެއްވާފައެވެ. މީގެ އިތުރުން، ޤައިދީންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި ފަންނީ ހުނަރު ކުރިއެރުވުމަށް ހިންގި އެކި ޕްރޮގްރާމްތައް ފުރިހަމަކުރި ޤައިދީންނަށް ސެޓްފިކެޓް ހަވާލުކޮށް، ކަރެކްޝަންސް އިންސްޓިޓިއުޓުން އަލަށް ފެށި ޤިރާތު ކޯސް ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ.
ޖަލުގެ މާހައުލުގައި ޤައިދީންގެ ދުޅަހެޔޮކަމާއި އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށްޓަކައި، 7 ޓީމު ބައިވެރިވާ ފުޓްސަލް މުބާރާތެއްވެސް މިނިސްޓަރު ވަނީ ފައްޓަވައިދެއްވާފައެވެ.


