Wednesday, 29 July 2026
ކުރީގެ ރައީސް މުހައްމަދު ނަޝީދު ----- ފޮޓޯ: މަޖިލިސް

ޑޮލަރުގެ އަގު ދަށްނުވަނީ ދަރަނި ރީސްޓްރަކްޗަރ ނުކުރެވޭތީ: ނަޝީދު

ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު ދަށްނުވެ ހިފެހެއްޓިފައިވަނީ ހަރުދަނާ ދަރަނި ރީސްޓްރަކްޗަރިންގ ނުވަތަ ދަރަނި އަލުން އެކުލަވާލުމުގެ ޕްރޮގްރާމެއް ނެތުމުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތާއި ޑޮލަރުގެ އަގާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ދަރަނި ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދިއުމުގެ އިތުރުން، އެކަމަށްޓަކައި ޑޮލަރުން ކުރަންޖެހޭ ހޭދަ ކުޑަނުވުމަކީ ވެސް ޑޮލަރުގެ އަގު މަތީގައި ހިފެހެއްޓިފައިވާ ސަބަބެކެވެ.

"ޑޮލަރުގެ އަގު ދަށް ނުވަނީ ރަނގަޅު ޑެބްޓް ރީސްޓްރަކްޗަރިންގ (ދަރަނި އަލުން އެކުލަވާލުމުގެ) ޕްރޮގްރާމެއް ނެތުމާއި، އެކަމުގެ މައްޗަށް ޑޮލަރު ހަރަދުކުރާ މިންވަރު ދަށްނުވާތީ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވެފައި މިވާ މި ދަނޑިވަޅަކީ ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލިފައިވާ ދުވަސްވަރެކެވެ. ރިޕޯޓްތައް ބުނާގޮތުން ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު މިހާރު ހުރީ 20.50 ރުފިޔާ އާއި 21.00 ރުފިޔާއާ ދެމެދުގައެވެ. މިއީ ރަސްމީ ރޭޓަށްވުރެ ބޮޑުތަނުން މަތީ އަދަދެކެވެ.

މި އަހަރު ދައުލަތުން ފާސްކޮށްފައި ވަނީ ރެކޯޑު އަދަދެއްގެ ބޮޑު ބަޖެޓެއް ކަމަށްވާއިރު އޭގެ މައިގަނޑު ސަބަބަކަށްވީ މި އަހަރު ޖުމުލަ 1.1 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހުމެވެ. ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ މަހުގެ 14އާ ހަމައަށް ލޯނު އަނބުރާ ދެއްކުމަށް 8.7 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މީގެއިތުރުން މާކެޓުގައި ޑޮލަރަށް އޮތް ޑިމާންޑް ބޮޑުވެފައިވާއިރު، މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ވަނީ ބޭންކްތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކޮށްފައެވެ. އެމްއެމްއޭއިން ބުނެފައިވަނީ ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށްޓަކައި ބޭންކްތަކަށް ފޯރުކޮށްދޭ ޑޮލަރު އިތުރުކޮށްފައިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *