Tuesday, 28 July 2026
ލުތުފަރުގެ މަރުގެ މައްސަލާގައި ދައުވާލިބޭ ދެ މީހުން -- ފޮޓޯ: މިހާރު

ލުތުފަރު މަރާލުމަށްފަހު ކަނޑުފެއްތިކަން ދެ މީހެއްގެ މައްޗަށް ސާބިތުވެއްޖެ

ށ. ޅައިމަގު "ކުރިމަގު 1″ ބޯޓުގައި ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ކަނޑުފެއްތި މައްސަލާގައި ދައުވާލިބޭ ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ. މި މައްސަލާގައި ކުށް ސާބިތުވެފައިވަނީ ބަންގްލަދޭޝްގެ ދެ ރައްޔިތުން ކަމަށްވާ އަލަމިން އަދި ނޫރުލް އިސްލާމްގެ މައްޗަށެވެ. މި މައްސަލާގައި ދެން ދައުވާލިބުނު އެމްޑީ އަހްތަރު ވަނީ ޝަރީއަތް ކުރިއަށް ދަނިކޮށް ޖަލުގައި މަރުވެފައެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ޝާފިއު އިއްވެވި ހުކުމުގައި ބަޔާންކުރައްވާފައިވަނީ، ލުތުފަރު މަރާލި ގޮތާއި ހަށިގަނޑާ މެދު އަމަލުކުރި ގޮތް ތަހުގީގަށް މި މީހުން ކިޔައިދީފައިވާ ބަޔާންތަކަކީ އެންމެ ބޮޑު ގަރީނާ ކަމަށެވެ. ފަހުން އެ އިއުތިރާފުން އެމީހުން ރުޖޫއަވި ނަމަވެސް، އެއީ އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި ދީފައިވާ ސައްހަ ބަޔާންތަކެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އަދި ލުތުފަރު މަރާލީ އޭނާ އެހެން ފަޅުވެރިންނާ އެކު ޖިންސީ ގުޅުން ހިންގަން މަސައްކަތް ކުރުމުން ކަމަށް ތަހުގީގުގައި އެމީހުން ބުނެފައިވެއެވެ.

މި މައްސަލާގައި ދިފާއުން ވަނީ ލުތުފަރު ރާއްޖެ އެތެރެވިކަމުގެ ރަސްމީ ލިޔުމެއް ނެތުމުން، ފެނިފައިވާ ކަށިތަކަކީ އޭނާގެ ކަށިތައް ކަމާ މެދު ސުވާލު އުފައްދާފައެވެ. ނަމަވެސް ގާޒީ ވިދާޅުވީ އޭނާ ރާއްޖޭގައި އުޅުނުކަން އެހެނިހެން ހެކިތަކުން ސާބިތުވާ ކަމަށާއި، ކަނޑުގެ އަޑިން ފެނުނު ކަށިތަކުން ނެގި ޑީއެންއޭ ލުތުފަރުގެ އާއިލާގެ މީހުންގެ ޑީއެންއޭއާ ދިމާވާ ކަމަށެވެ. އެހެންކަމުން އެއީ ލުތުފަރުގެ ހަށިގަނޑުކަން ޔަގީންވާ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.

ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، ލުތުފަރު މަރާލުމަށްފަހު ފުރަތަމަ އޭނާ ބޭއްވީ ބޯޓުގެ ނިދާ ތަނުގައެވެ. އެއީ މީހަކު ބަލައިފިނަމަ ނިދާފައި އޮތް ކަމަށް ދެއްކުމަށެވެ. އޭގެ ފަހުން ހަށިގަނޑުގައި ބަސްތާތަކަކާއި ކުކިން އޮއިލް ހަންތަކެއް އައްސައި، ބަރުކޮށްގެން ކަނޑުފެއްތީއެވެ. ފުލުހުން ވަނީ އެ ސަރަހައްދުން އިންސާނެއްގެ ކަށިތަކާއި، ހަށިގަނޑު އައްސަން ބޭނުންކުރި ބަސްތާތަކާއި ވާތައް ވެސް ހޯދާފައެވެ.

މި މައްސަލާގައި ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވުމާ ގުޅިގެން، ދެން އޮންނާނީ ލުތުފަރުގެ ވާރިސުންގެ ބަސް ހޯދުމާއި އަދަބު ކަނޑައެޅުމުގެ އަޑުއެހުމެވެ. ދައުލަތުން ބުނެފައިވަނީ ވާރިސުންގެ މައުލޫމާތު ސާފުކޮށް، އެމީހުންގެ ބަސް ކޯޓަށް ހޯދުމުގެ އިންތިޒާމުތައް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ. ލުތުފަރު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *