Tuesday, 28 July 2026
މާލެ ސިޓީ

މާލޭގެ ވެހިކަލް ތޮއްޖެހުން ކުޑަކުރުމަށް ދިރާސާއެއްގެ މަސައްކަތް ފަށައިފި

މާލެ ސިޓީގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، މާލެއަކީ ހިނގާބިގާވެ އުޅެން ފަސޭހަ ތަނަކަށް ހެދުމަށްޓަކައި ދިރާސާއެއްގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި އެވެ.

މިއީ މާލޭގެ ދަތުރުފަތުރުގެ ހާލަތު ދެނެގަނެ، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ކުރިއަށްގެންދާ މުހިންމު ދިރާސާއެކެވެ.

މާލެ ސިޓީ ކައުންސިލާއި ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެންއެސްކެޕް) ގުޅިގެން ކުރިއަށްގެންދާ މި ދިރާސާއަކީ މާލޭގެ މޭޔަރު އާދަމް އާޒިމްގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ޔޫއެންއެސްކެޕްގެ ޓްރާންސްޕޯޓް ޑިވިޝަންގެ، ޝެކްޝަން ޗީފް ކެޓްރިން ލޫގަރ ވަނީ މޭޔަރ ޢާޒިމާއެކު ރަސްމީ ބައްދަލުވުމެއް މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ބާއްވާފައިވެ އެވެ. މި ޕްރޮޖެކްޓަށް ބޭނުންވާ ފަންޑު ފޯރުކޮށްދެނީ ޔޫއެންއެސްކެޕުންނެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މި ދިރާސާގެ ތެރެއިން މައިގަނޑު ގޮތެއްގައި ބަލާފައިވަނީ މީހުން ގެންގުޅޭ އުޅަނދު ފަހަރުގެ އަދަދާއި، އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމަށް ބޭނުންކުރާ ވަސީލަތްތަކުގެ އިތުރުން ދަތުރު ފަތުރުގެ ނިޒާމުގައި ހުރި ގޮންޖެހުންތަކަށް ކަމަށެވެ. މީގެ މަގުސަދަކީ މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކޮށް، ރައްޔިތުންނަށް ފަސޭހަ ނިޒާމެއް ބިނާކުރުން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މި މަސައްކަތުގެ ޑޭޓާ އެއްކުރުމުގެ މަރުހަލާގައި މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ 20 މުވައްޒަފުން ހަރަކާތްތެރިވެފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އެގޮތުން އެމުވައްޒަފުން ވަނީ 1000 އަށް ވުރެ ގިނަ ގޭބިސީތަކަށް ޒިޔާރަތްކޮށްފައެވެ. މި ޓީމުން ވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން، މުޅި މާލެ ސަރަހައްދުން މައުލޫމާތު އެއްކޮށްފަ އެވެ.

ގޭގެއަށް ޒިޔާރަތްކޮށްގެން މައުލޫމާތު އެއްކުރުމުގެ އިތުރުން، އޮންލައިންކޮށް ވެސް މި މައުލޫމާތު އެއްކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރަމުންދާ ކަމަށް ބުންޏެވެ. އެގޮތުން މި ދިރާސާގައި ބައިވެރިވެ މައުލޫމާތު ދޭން ބޭނުންވާ ފަރާތްތަކުން ކައުންސިލުން އާންމުކޮށްފައިވާ ލިންކު މެދުވެރިކޮށް މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *