Tuesday, 28 July 2026
ރާއްޖޭގެ ރައީސް މުހައްމަދު މުއިއްޒު އަދި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ -- ފޮޓޯ: ރައީސް އޮފީސް

އިންޑިއާ އެފްޓީއޭގެ މަޝްވަރާތައް އިއްޔެ ފަށައިފި، އަމާޒަކީ ވީހާ އަވަހެެއް ކުރުން

ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގާއިމުކުރުމުގެ މަޝްވަރާތައް އިއްޔެ ފަށައިފި އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެ މަޝްވަރާގެ ފުރަތަމަ ބައްދަލުވުން އިއްޔެ ބާއްވާފައިވާ ކަމަށެވެ.

ސައީދު ވިދާޅުވި ގޮތުގައި ދެ ގައުމުގެ ވިސްނުން ވެސް ހުރީ ވީހާވެސް އަވަހަކަށް އެފްޓީއޭއެއް ގާއިމުކުރުމަށެވެ. ހާއްސަކޮށް ރާއްޖޭން އެ ގޮތް ބޭނުންވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެފްޓީއޭ އެކުލަވާލާނީ ދެ ގައުމުގައި ވެސް ތިބި ފަންނީ މީހުންނާއި ޕްރައިވެޓް ސެކްޓާއާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ވެސް ކޮށްގެން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މިދިޔަ މާޗު މަހު، މި މަޝްވަރާތައް ގެންދަން ދެ ގައުމުން އެއްބާރުލުން ދިނުމުގެ ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފަ އެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އެ ކަން ކާމިޔާބު ކުރެވޭނެ ކަމަށް ސަރުކާރުގެ ބައެއް އިސް ބޭފުޅުން މީގެ ކުރިން ވެސް ވިދާޅުވެފައިވެ އެވެ.

ރާއްޖޭން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް މި ވަގުތަށް ގާއިމުކޮށްފައި ވަނީ، އިންޑިއާއާ އެންމެ ވާދެވެރި ޗައިނާއާ އެކުގަ އެވެ. މި އެއްބަސްވުމުގެ ތެރެއިން ދެ ގައުމުގެ ދެމެދު ކޮންމެ އަހަރަކު ބިލިއަން ޑޮލަރަށް ވުރެ މަތިން ވިޔަފާރިކުރެވޭނޭ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

މީގެ އިތުރުން ތުރުކީއާ އެކު ވެސް އެފްޓީއޭއެއް ގާއިމުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *