ނިމިދިޔަ މޭމަހު ޒަކާތު ފަންޑުން ދޫކުރި ޖުމުލަ ފައިސާގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި ހޭދަކޮށްފައިވަނީ ބޭސްފަރުވާގެ އެހީއަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ.
ޒަކާތު ހައުސްއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މޭމަހު ޒަކާތުގެ ގޮތުގައި 7.59 މިލިޔަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން 2.7 މިލިޔަން ރުފިޔާ ވަނީ އެކި ބޭނުންތަކަށް ބަހާފައެވެ.
ޒަކާތު ފަންޑުން ފަގީރުންނާއި މިސްކީނުންނަށް 1.48 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާއިރު، މީގެ ތެރެއިން 1.45 މިލިޔަން ރުފިޔާ ހޭދަކޮށްފައިވަނީ ސީދާ ބޭސްފަރުވާގެ އެހީގެ ގޮތުގައެވެ. މީގެ އިތުރުން ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވާ ފަރާތްތަކަށް 31,000 ރުފިޔާ ދޫކޮށްފައިވެއެވެ.
ފީސަބީލިﷲ މަޝްރޫއުތަކުގެ ދަށުން ތައުލީމީ އަދި ދީނީ މަސައްކަތްތަކަށް 1 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މީގެ ތެރޭގައި ގުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތަކަށާއި ގުރުއާނުގެ އިލްމު ފެތުރުމަށް 7 ލައްކައަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި އިސްލާމީ ފޮތްތައް ތަރުޖަމާކުރުމަށް 2 ލައްކައަށް ވުރެ ގިނަ ރުފިޔާ އާއި މަތީ ތައުލީމަށް ކިޔަވާ ކުދިންނަށް އެހީވުމަށް 37,000 އަށް ވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ.
ޒަކާތް ބަލައިގަތް މިންވަރަށް ބަލާއިރު، މިދިޔަ އަހަރުގެ މޭމަހާ އަޅާބަލާއިރު މިއަހަރު ވަނީ %75.3 ގެ ބޮޑު ކުރިއެރުމެއް ލިބިފައެވެ. މިދިޔަ އަހަރުގެ މޭމަހު 4.33 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު އެ އަދަދު ވަނީ 7.59 މިލިޔަނަށް އިތުރުވެފައެވެ.


