Tuesday, 28 July 2026
މީހެއްގެ އިނގިލި ބުރިކޮށް އަނިޔާކުރީ ފަސް މީހުންގެ ގްރޫޕު -- ފޮޓޯ: ދި ޕްރެސް

މީހަކު ރަހީނުކޮށް އިނގިލި ބުރިކުރި މައްސަލައިގައި 4 މީހަކު ޖަލަށް ލާން ހުކުމްކޮށްފި

މީހަކު ރަހީނުކޮށް، ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ދިނުމަށްފަހު އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައިގައި ދައުވާ އުފުލި 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އެ މީހުން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މި ހާދިސާއަކީ 2024 ވަނަ އަހަރުގެ މޭ މަހުން ޖޫން މަހުގެ ނިޔަލަށް މާލޭގެ ދެ އެޕާޓްމެންޓެއްގައި 30 އަހަރުގެ ދިވެހި ފިރިހެނަކު ބަންދުކޮށްގެން ހިންގި ލާއިންސާނީ އަމަލެކެވެ.

މި މައްސަލައިގައި އެންމެ ބޮޑު އަދަބެއް ކަނޑައެޅީ ޕައިޕް ކަޓަރަކުން އިނގިލި ބުރިކޮށްލި ގދ. ގައްދޫ، ހުދުވެލި، އަހުމަދު ސާއިފް ވަހީދުގެ މައްޗަށެވެ. އޭނާ 15 އަހަރަށް ޖަލަށްލުމަށް ހުކުމްކުރި ނަމަވެސް، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ތަންފީޒުކުރަން ޖެހޭނީ 12 އަހަރުގެ ޖަލު ހުކުމެކެވެ. މީގެ އިތުރުން ރ. ކަނދޮޅުދޫ، މެހުރާ، އަލީ ސާމީ އާއި ތ. ތިމަރަފުށި، އުތުރުގެއާގެ، މުހައްމަދު ނަހުޝާން ހުސެއިން 10 އަހަރަށް ޖަލަށްލާން ހުކުމްކުރި ނަމަވެސް، ބަންދު މުއްދަތު އުނިކުރުމުން އެ ދެ މީހުން ތަންފީޒުކުރަން ޖެހޭނީ 7 އަހަރުގެ ޖަލު ހުކުމެކެވެ.

މި މައްސަލައިގައި ހިމެނޭ އެމްއެންޑީއެފްގެ ދެ މުވައްޒަފުންގެ ތެރެއިން ލ. ގަން، ތުނޑި ލިންކް، އަހުމަދު ޒަޔާން 3 މަސް ދުވަހަށް ޖަލަށްލާން ހުކުމްކުރި ނަމަވެސް، ބަންދު މުއްދަތު އުނިކުރުމުން އޭނާ ވަނީ މިނިވަންވެފައެވެ. ނަމަވެސް ދައުވާއަށް އިންކާރުކުރި ކ. މާފުށި، ފުލްމޫން، މުހައްމަދު ނަފާހުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ގާޒީ މުހައްމަދު މިސްބާހު ވަނީ ކަނޑައަޅުއްވާފައެވެ.

ދައުލަތުން ޝަރީއަތުގައި ބުނެފައިވާ ގޮތުގައި، އަނިޔާ ލިބުނު މީހާ ގޮނޑިއެއްގައި ބަނުމަށްފަހު އޭނާގެ ގައިގައި އަތުންނާއި ފައިން ތަޅާފައިވެއެވެ. އަދި ސާމީގެ އެންގުމަށް ސާއިފް ވަނީ ޕައިޕް ކަޓަރަކުން އެ މީހާގެ ވައަތު ފައިގެ ކުޑަވައި އިނގިލި ބުރިކޮށްލާފައެވެ.

"އިނގިލި ބުރިކޮށްލުމަށްފަހު ބުރިކޮށްލި ތަނުގައި ހޫނު ވަޅިއެއް ޖައްސައި އަނިޔާކޮށްފައިވޭ" ދައުލަތުން ފާހަގަކޮށްފައިވެއެވެ.

ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، އަނިޔާ ލިބުނު މީހާގެ ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާން ޖައްސައި ޒަހަމްކޮށްފައިވުމުގެ އިތުރުން، އޭނާގެ ލޮލަށް ލޭ އަރައި ދުޅަވާވަރަށް މާރާމާރީ ހިންގާފައިވެއެވެ. އަދި އެއް މަސް ދުވަހުގެ މުއްދަތަށް އޭނާ ރަހީނުކޮށްގެން ގެންގުޅުނީ އޭނާގެ ނުރުހުމުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުވުމަށެވެ.

މި މައްސަލައިގައި ދައުލަތުން އުފުލާފައިވަނީ ނުރައްކާތެރި އެއްޗެއް ބޭނުންކޮށްގެން މީހަކަށް ބޮޑު ޖިސްމާނީ އަނިޔާއެއް ދިނުމާއި، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *