Tuesday, 28 July 2026
މި ދުވަސްވަރު ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ އިތުރުން ގދ. މަޑަވެލީގެ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ -- ފޮޓޯ: އައްޑޫ ލައިވް

ޕެސިފިކް ކަނޑުގައި އެލްނީނޯ އުފެދުމާ ގުޅިގެން ރާއްޖޭގެ މޫސުމަށް ކުރަމުންދާ އަސަރުތައް މޮނިޓަރކުރަން ފަށައިފި

ޕެސިފިކް ކަނޑުގެ ސަރަޙައްދުގައި އެލްނީނޯ އުފެދިފައިވުމާއެކު، އޭގެ ސަބަބުން ރާއްޖޭގެ މޫސުމަށް ކުރަމުންދާ އަސަރުތައް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މޮނިޓަރކުރަން ފަށައިފިއެވެ. އެލްނީނޯއަކީ ކަނޑުގެ ސަތަހައިގެ ހޫނުމިން އާދަޔާ ޚިލާފަށް މަތިވުމުގެ ސަބަބުން ކުރިމަތިވާ ޤުދުރަތީ މޫސުމީ ހާލަތެކެވެ.

މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ސަރަޙައްދުތަކުގެ ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މިހާރު ހުރީ އާންމު މިންގަނޑަށްވުރެ މަތީގައި ކަމަށެވެ. މީގެ ސަބަބުން ދުނިޔޭގެ ވައިގެ ދައުރުވުމާއި ޕްރެޝަރަށް ބަދަލު އައިސް، ވާރޭވެހޭ ގޮތަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ.

އެލްނީނޯގެ ސަބަބުން ރާއްޖޭގެ މޫސުމަށް ކުރާ އަސަރުތަކާ ގުޅޭގޮތުން މެޓް އޮފީހުން ވިދާޅުވީ، އެލްނީނޯގެ ސަބަބުން ބައެއް މަސްމަހު އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ ގިނައިން ވާރޭވެހޭއިރު، އަނެއްބައި މަސްމަހު ވާރޭވެހޭ މިންވަރު މަދުވާނެ ކަމަށެވެ. އަދި އެލްނީނޯގެ ބާރުމިނަށް ބަލައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރާ އަސަރު ތަފާތުވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެ އިދާރާއިން ފާހަގަކުރައްވައެވެ.

މީގެ އިތުރުން، ރާއްޖޭގެ މޫސުމަށް ނުފޫޒު ފޯރުވަނީ ހަމައެކަނި އެލްނީނޯއިން އެކަނި ނޫންކަން މެޓް އޮފީހުން ފާހަގަކުރެއެވެ. އެގޮތުން އިންޑިއަން އޯޝަން ޑައިޕޯލް އަދި މެޑަން ޖޫލިއަން އޮސިލޭޝަން ފަދަ މޫސުމީ ކަންތައްތަކުންވެސް ރާއްޖެއަށް ވާރޭވެހޭ މިންވަރަށް އަސަރު ކުރާނެއެވެ.

އާންމު ގޮތެއްގައި އެލްނީނޯގެ އަސަރުތައް 9 މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދެއެވެ. މިއީ ކޮންމެ ދެ އަހަރާއި ހަތް އަހަރަކުން އެއް ފަހަރު އަންނަ ބަދަލެއް ނަމަވެސް، މީގެ ސަބަބުން ދުނިޔޭގެ މޫސުމަށާއި، ދިރޭތަކެތީގެ ނިޒާމަށާއި، އިޤުތިސާދަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *