Tuesday, 28 July 2026

ގެގް އޯޑަރުގެ މައްސަލައަށް ބާކައުންސިލުން ވަންނަން އެދިއްޖެ

"އަދަދު" ނޫހުން ތައްޔާރުކުރި ޑޮކިއުމެންޓަރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު 'އަނގަ ބަންދުކުރުމުގެ' އަމުރު ބާތިލްކުރުމަށް އެދި ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައަށް ބާ ކައުންސިލުން ތަަދައްހުލްވުމަށް އެދިއްޖެ އެވެ.

ކްރިމިނަލް ކޯޓުން ގެގް އޯޑަރެއް ނެރެނީ "އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ކުށުގެ ދައުވާ އުފުލުމަށް ފަހު، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެނެވެ.

މި އަމުރު ހައި ކޯޓުގައި އިސްތިއުނާފުކުރީ ފިޔާޒެވެ. އެ މައްސަލަ އެ ކޯޓުގައި ބަލައިގެންފައިވާއިރު ބާކައުންސިލުން ވަނީ އެ މައްސަލައަށް ތަަދައްހުލްވުމަށް އެދި ފޯމު ހުށަހަޅައިފަ އެވެ. އަދި އެ ކަމާ މެދު ކޯޓުން ނިންމި ގޮތެއް ނޭނގެ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު ނެރުއްވި މި އަމުރުގައި އަންގާފައިވަނީ ޝަރީއަތަށް ހުށަހެޅިފައިވާ ޑޮކިއުމެންޓަރީ މުޖުތަމައުގައި ދައުރުނުކުރުމަށާއި، އޭގައިވާ އެއްވެސް ވާހަކައެއް ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް ނުދެއްކުމަށެވެ.

މި އަމުރާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކަށްވެސް އެކަން އަންގާފައެވެ. އަދި މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ކޮމިޝަނުން ނޫސްތަކާއި މީޑިއާ ތަކަށް ވެސް އެ އަމުރު ފޮނުވާފައިވެ އެވެ.

މި އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި "އަދަދު"ގެ އެހެން ދެ ނޫސްވެރިޔަކު ވަނީ ޖަލު ހުކުމެއް ވެސް ތަންފީޒުކޮށްފަ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *