ހުޅުމާލޭ ފޭސް ދޭއްގައި މި ފަހުން މީހުން ދިރިއުޅެން ފެށި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފްލެޓްތަކަށް ރޭ ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ރޭ މާލެއާއި ހުޅުމާލެއަށް ވަރަށް ވިއްސާރަ އެވެ.
ހުޅުމާލޭ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) ކުރެއްވި ޕޯސްޓެއްގައި ވަނީ ރޭ ކުރި ވިއްސާރައިގައި އެ ފްލެޓްތަކަށް ފެން ވަދެ ލިބުނު ގެއްލުންތައް ފެންނަ ވީޑިއޯތަކެއް ހިމަނާފަ އެވެ.
ޒަހިއްޔާ ވިދާޅުވީ ވައިގޮޅިތަކުންނާއި އެޕާޓްމެންޓްތަކުގެ ކުޑަދޮރުތަކުން ވެސް ހުއްޓުމެއް ނެތި ފެން ވަންނަމުންދާ ކަމަށެވެ. އަދި ދޯދި 16 ވަނަ ޓަވަރުގައި އެއް ލިފްޓް ހަލާކުވެފައި ހުންނަތާ ތިންމަސް ވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެ ތަނުގައި ޖަހާފައި ހުރި މުށިތައް ވެސް ވަނީ މައްޗަށް އަރާފައި ކަމަށް ވިދާޅުވި އެވެ.

https://x.com/Zayaa_Fathimath/status/2071104510785945634?s=20
"އަދުގެ ސަރުކާރުން މި ފުލެޓު ތަކުގެ ފިނިޝިން ގެ މަސައްކަތްތައް ވަނީ ވަރަށް ވެސް އާދައިގެ ގޮތަކަށް ކޮށް ނިންމާލައިފައި," އެކްސްގައި ކުރެއްވި އެ ޕޯސްޓްގައި ޒަހިއްޔާ ލިއުއްވާފައިވެ އެވެ.
އެ ފުލެޓުތަކުގައި ދިރިއުޅޭ އެތައްހާސް ރައްޔިތުންނެއްގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހަރުދަނާކޮށް އެ ތަނުގެ މަސައްކަތްތައް އަލުން ހައްލުކޮށްދިނުމަށް ސަރުކާރަށް އޭނާ ގޮވާލެއްްވި އެވެ.
އެ ޕޯސްޓަށް ކޮމެންޓްކުރި، އެ ފްލެޓްތަކުގައި ދިރިއުޅޭ އެހެން ބައެއް މީހުން ވެސް ވަނީ ވިއްސާރަ ނުވި ނަމަވެސް ބައެއް ފަހަރު ތަޅުންގަނޑުން ފެން ނުކުންނަ ކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެ ޝުއޫރު ފާޅުކޮށްފަ އެވެ.
ރާއްޖޭގައި ހައުސިން މަޝްރޫއުތަކުގެ ދުވެލި އަވަސް ކުރަން ހަދައިގެން، ބައެއް ފަހަރު ފެންވަރު ރަނގަޅަށް ނުބެލި މަސައްކަތްތައް ނިންމާލާފައި އެބަ ހުއްޓެވެ.


