ޞިއްޙީ ޚިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން އެމްއާރް ވެކްސިން ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް އަމާޒުކޮށްގެން ޚާއްޞަ ވެކްސިން ޕްރޮގްރާމެއް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ފަށައިފިއެވެ. ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި މިއަދުން ފެށިގެން ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މާލެ ސަރަހައްދުގައި މި ވެކްސިން ދިނުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ޔޫޕީއެޗްސީސީ، ހުޅުމާލެ ހޮސްޕިޓަލް، ސެނަހިޔާ، އަދި ވިލިމާލެ ހޮސްޕިޓަލް ގައެވެ. އަތޮޅުތަކުގެ ރަށްރަށުގައި ވެކްސިން ދޭނެ ގަޑިތައް އެ ރަށެއްގެ ސިއްޙީ މަރުކަޒުތަކުން ވަކިން އިޢުލާނު ކުރާނެ ކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ.
މި ޕްރޮގްރާމުގެ ދެވަނަ ފިޔަވަހި ޖޫން މަހުގެ 30 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާއިރު، އެ ފިޔަވަހީގައި އަމާޒުކުރާނީ އުމުރުން 30 އަހަރުން ދަށުގެ މީހުންގެ ތެރެއިން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަނުކުރާ ފަރާތްތަކަށެވެ. އަދި ތިންވަނަ ފިޔަވަހީގެ ދަށުން 49 އަހަރުން ދަށުގެ ވެކްސިން ފުރިހަމަ ނުކުރާ އެންމެހާ ފަރާތްތަކަށް ވެކްސިން ދިނުމަށް ވަނީ ރޭވިފައެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ 22 ކޭސް ފެނިފައިވާއިރު، ބައްޔަށް ޕޮޒިޓިވްވި މީހުންނާ ދިމާވި (ކޮންޓެކްޓްވި) 220 މީހަކަށާއި، ފްރަންޓްލައިންގައި މަސައްކަތްކުރާ 1537 ޞިއްޙީ ޚިދުމަތްތެރިންނަށް މިހާރުވެސް ވަނީ ވެކްސިން ދީފައެވެ. މި ޕްރޮގްރާމަށް ބޭނުންވާ 20,000 ޑޯޒްގެ ހިމަބިހި ވެކްސިން މިމަހުގެ ކުރީކޮޅު އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ.


