Tuesday, 28 July 2026
ބޭންކް އޮފް މޯލްޑިވްސް ---- ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ގެދޮރު މަޝްރޫއުގެ ތެރެއިން ޖުމުލަ 4,000 އަގުހެޔޮ ފްލެޓް އަޅަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ ދަށުން ޖުމުލަ 4,000 ފްލެޓް އެޅުމަށް ނިންމާފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަޝްރޫއުގެ ތެރެއިން ހުޅުމާލޭ ފޭސް އެކެއްގައި ފްލެޓްތަކެއް އެޅުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން މިދިޔަ އޭޕްރިލް މަހު ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލުން ބުނެފައިވަނީ އެހާތަނަށް 3,260 ފްލެޓްގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށެވެ. އެ ދުވަހު ބީއެމްއެލުން އިތުރަށް ބުނެފައިވަނީ، އިތުރު 540 ފްލެޓް އަޅައި، ޖުމުލަ 3,800 އަގުހެޔޮ ފްލެޓް އެ މަޝްރޫއުގައި އަޅާނެ ކަމަށެވެ.

އޭގެ ދެ މަސް ފަހުން، މިއަދު ސަރުކާރުގެ ތަރުޖަމާނު މުންދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ބީއެމްއެލްއާ މިހާތަނަށް ހަވާލުކޮށްފައިވާ 3,260 ފްލެޓްގެ އިތުރަށް 710 ފްލެޓް އެޅުމަށް ވެސް ހަވާލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

"އެހެންވީމާ 3260 މިހާރު އެވޯޑް ކުރެވުނީ، އަދި އިތުރު 710 ޔުނިޓް އެ ސްކޯޕްގެ ތެރެއަށް އެބަ ވެއްދޭ. އޭގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތްދަނީ ކުރިއަށް. އެހެންވީމަ ނިމޭއިރު ގާތްގަނޑަކަށް 4000 އެއްހާ ހައުސިން ޔުނިޓް އިމާރާތްކުރެވޭނެ،" މުންދު ވިދާޅުވި އެވެެ.

މިހާރު ހަވާލު ކުރެވިފައިވާ އަދަދުގެ އިތުރަށް 540 ފްލެޓް ހަވާލުކުރުމަށް ނިންމި ކަމަށް  އޭޕްރިލް މަހު ބީއެމްއެލުން ބުނެފައިވާއިރު، ސަރުކާރުގެ ތަރުޖަމާނު މިއަދު ހާމަކުރެއްވި 710 ފްލެޓާއެކު މި ވީ ގޮތަކީ އެ 540 ފްލެޓްގެ އިތުރަށް 170 ފްލެޓް އިތުރަށް ހަވާލުކުރުމަށް ސަރުކާރުން ނިންމީ އެވެ.

ބީއެމްއެލް އެފޯޑަބަލް ހައުސިން ސްކީމުގެ ދަށުން ހައުސިން ޔުނިޓުތައް އަޅަނީ ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ވިލިމާލޭގަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *