Tuesday, 28 July 2026
ޒުވާން ހަތީބުން ޕްރޮގްރާމް ފުރިހަމަކުރި ބައެއް ދަރިވަރުން -- ފޮޓޯ: އެކްސް

ޒުވާން ޚަޠީބުންގެ ޕްރޮގްރާމްގެ 4 ވަނަ ބުރު ނިންމާލައިފި

ޒުވާން ޚަޠީބުންނާއި އިމާމުން ތަމްރީނު ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޕްރޮގްރާމްގެ ހަތަރުވަނަ ބުރު ނިންމައި ބައިވެރިންނަށް ސަނަދު އަރުވައިފިއެވެ. މި ބުރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 82 ޒުވާނުން ބައިވެރިވެ، ތަމްރީނު ފުރިހަމަކޮށްފައިވެއެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގައި ޚުޠުބާ ކިޔާނެ އިމާމުން ލިބުމުގައި ހުރި ދަތިތައް ހައްލުކުރުން ކަމަށެވެ. އަދި މީގެ އިތުރުން ކުރިއަށް އޮތް އިސްލާމީ ޤަރުނުގައި ރާއްޖޭގައި އިސްލާމީ ޝިޢާރު ފާޅުކުރާނެ ހަރުދަނާ ޖީލެއް ބިނާކުރުމަކީ ވެސް މި މަސައްކަތުގެ ބޮޑު އަމާޒެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންނާއި އިމާމުން އަދި ޙާފިޒުންނަށް ޚާއްޞަ މަހާސިންތާއެއް ބޭއްވުމަށް މިނިސްޓްރީން ދަނީ ތައްޔާރުވަމުންނެވެ. މި މަހާސިންތާގެ ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ޑރ. ޔާސިރް އައްދައުސަރީ އަށް މިހާރު ވަނީ ދައުވަތު އަރުވާފައެވެ.

ސަރުކާރުގެ ބޮޑު އަމާޒަކީ 1,000 ޒުވާން ޚަޠީބުން ބިނާކުރުމާއި 500 ޙާފިޒުން އުފެއްދުމެވެ. މިހާތަނަށް ކުރެވުނު މަސައްކަތުން 600 އަށް ވުރެ ގިނަ ޒުވާނުން ވަނީ ޚަޠީބުކަމުގެ ސަނަދު ހާސިލުކޮށްފައެވެ. މިއީ ރަށްރަށުގެ މިސްކިތްތަކަށް ދިމާވެފައިވާ އިމާމުންގެ ދަތިކަމަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.

ރާއްޖޭގެ ޙާފިޒުންގެ އަދަދު މިހާރު ވަނީ 310 އަށް އަރާފައެވެ. ޤުރްއާން ހިތުދަސްކުރުމުގެ ޕްރޮގްރާމް އިތުރަށް ފުޅާކޮށް، ކްލާސްތައް އިތުރުކުރުމާ ގުޅިގެން މިހާރުވެސް 2,000 އަށް ވުރެ ގިނަ ދަރިވަރުން ދަނީ ޤުރްއާން ހިފްޒުކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *