Tuesday, 28 July 2026

ޓީޖެޓީ ސަރަހައްދުން 46 ޓަނުގެ ކުނި ނަގައި ސާފުކޮށްފި

މާލޭގެ ޓީ-ޖެޓީ ސަރަހައްދުގައި އަޅާފައި ހުރި 46 ޓަނުގެ ކުނި ތިން ދުވަސް ތެރޭގައި ނަގައި ސާފުކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ސޯޝަލް މީޑީއާއަށް ދޫކޮށްލި ވީޑިއޯއެއްގައި މޭޔަރު އާދަމް އާޒިމް ވިދާޅުވީ ގިނަ އަދަދެއްގެ ކުނި އަޅާފައި ހުރުމުން މިދިޔަ ރޯދަ މަހު ވެސް އެ ތަން ސާފުކުރި ކަމަށެވެ.

މިދިޔަ ރޯދަ މަހަކީ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން މާޗު މަހުގެ ފަހުކޮޅާ ހަމައަށެވެ.

މިދިޔަ ތިން ދުވަހުގެ ތެރޭގައި އެ ތަނުން ނަގަން ޖެހުނު ކުންޏަކީ ރޯދަ މަހު އެ ތަން ސާފުކޮށް ނިމި، ވޭތުވެދިޔަ ތިން މަހުގެ ތެރޭގައި އަޅާފައިވާ ކުނި ކަމަށް އާޒިމް ވިދާޅުވި އެވެ.

މާލެ ތެރެ ސާފުތާހިރުކޮށް ބެހެއްޓުމަށް ޓަކައި މިފަދަ ކަންކަން ނުކުރުމަށް އާޒިމް އެދިވަޑައިގެންނެވި އެވެ. މިފަދަ ކަންކަން ކުރަނީ ވަރަށް މަދު ބަޔަކު ކަމަށާއި އެފަދަ ކަންކަން ބަޔަކު ކޮށްފިނަމަ ސިޓީ ކައުންސިލަށް ރިޕޯޓްކުރުމަށް ވެސް އެދިވަޑައިގަތެވެ.

‏މާލޭގެ މަގުތަކަށް ކުނި އަޅާ ފަރާތްތައް ފާހަގަ ކުރެވޭނަމަ ސިޓީ ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮޓޯ އަދި ވީޑިއޯ ފޮނުއްވައި ދިނުމަށް ކައުންސިލުން އެދެ އެވެ.

ޓީޖެޓީ ސަރަހައްދުގެ އިތުރުން ކާނިވާ ސަރަހައްދުގައި ވެސް އުކާލާފައި ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ ކުނި ނަގައި އެ ތަން ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *