Tuesday, 28 July 2026
ޒުވާން މަސްވެރިޔާ - ހދ. ހިރިމަރަދޫ

ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫ މީހުން ތިބިތޯ ބަލަނީ

ހދ. ހިރިމަރަދޫ މީހުން އެ ސަރަހައްދުގެ އިންޓަނޭޝަނަލް އެއާޕޯޓް އޮންނަ އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައި ވަނިކޮށް ހއ. ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުން ތިބިތޯ ބެލުމަށް ހަނިމާދޫ ކައުންސިލުން ނިންމައިފި އެވެ.

މިދިޔަ އޭޕްރިލް މަހު ބޭއްވި ކައުންސިލް އިންތިހާބުގައި ވެސް ހިރިމަރަދޫ މީހުން ވޯޓު ދިނީ ހަނިމާދޫ ކައުންސިލް އިންތިހާބު ކުރުމަށެވެ. ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރެވެން ދެން، ހިރިމަރަދޫ މީހުންނަށް ކައުންސިލްގެ ހިދުމަތްތައް ދެމުން އަންނަނީ ހިރިމަރަދޫގައި ހަނިމާދޫ ކައުންސިލްގެ އަވަށު އޮފީހެއް ހުޅުވައިގެނެވެ.

އެހެން އެ މަސައްކަތް ހިނގަމުން ދަނިކޮށް މިދިޔަ މާޗު މަހު ހޯރަފުށި ކައުންސިލުން އޮތީ އެ ރަށަށް ހިރިމަރަދޫ މީހުން ހިޖުރަކުރަން ބޭނުންވާ ނަމަ އެ ފުރުސަތު އޮތް ކަން ހާމަކޮށް، ކައުންސިލް ޖަލްސާއަކުން އެ ކަން ފާސްކޮށްފަ އެވެ.

ހޯރަފުށި ކައުންސިލްގެ ނިންމުމަށް ހަވާލާދީ، ހަނިމާދޫ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ހިރިމަރަދޫ މީހުން ތިބި ނަމަ ނަން ނޯޓު ކުރުމަށް އިއްޔެއިން ފެށިގެން 30 ދުވަހުގެ މުއްދަތަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ ގޮތަށް ނަން ނޯޓު ކުރަން ބޭނުންވާ މީހުން ހިރިމަރަދޫގައި ހުންނަ ހަނިމާދޫ އަވަށު އޮފީހަށް ގޮސް ވެސް ނަން ނޯޓު ކުރެވޭނެ އެވެ. ނޫނީ ހަނިމާދޫ ކައުންސިލްގެ މެއިލަށް ލިޔުމެއް ފޮނުވައިގެން ނުވަތަ ގުޅައިގެން ވެސް ނަން ނޯޓު ކުރެވޭނެ ކަމަށް ހަނިމާދޫ ކައުންސިލުން ބުންޏެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *