Tuesday, 28 July 2026

ލ. އަތޮޅުގެ ދެވަނަ އެއާޕޯޓް އިސްދޫ-ކަލައިދޫގައި އަޅަނީ

ލ. އަތޮޅުގެ ދެވަނަ އެއާޕޯޓް އިސްދޫ-ކަލައިދޫގައި އަޅާ ގޮތަށް ސަރުކާރުން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ އަތޮޅުގައި މި ވަގުތު އެއާޕޯޓެއް އޮންނަނީ، ގަމާއި ފޮނަދޫ ދެމެދު އޮންނަ ކައްދޫގަ އެވެ. އެ އަތޮޅުގައި އިތުރު އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މިދިޔަ އޮކްޓޯބަރު މަހު ރައީސް އެ އަތޮޅަށް ކުރެއްވި ދަތުރެއްގައި ވެސް ވިދާޅުވީ އެ އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅާނެ ކަމަށާއި އަޅާނެ ރަށެއް ނިންމާނީ އިގުތިސޯދީ ފުރުސަތު އެންމެ ބޮޑު ގޮތެއް ބެލުމަށް ފަހު ކަމަށެވެ.

މިއަދު ހައުސިން މިނިސްޓްރީން ސޯޝަލް މީޑީއާއަށް ދޫކޮށްލި ވީޑިއޯއެއްގައި ވެސް ބުނީ އިސްދޫ-ކަލައިދޫގައި އެއާޕޯޓް އަޅަން ނިންމީ އެ ދެ ރަށް ހިމެނޭ ފަސްގަނޑަކީ ބިން ބޮޑު، އިގުތިސޯދީ ފުރުސަތުތަކާއި ވަސީލަތްތައް އޮތް ތަނަކަށް ހެދެން އޮތީމަ ކަމަށެވެ.

އިސްދޫ-ކަލައިދޫއަކީ އެ އަތޮޅުގެ އެންމެ އުތުރުގައި އޮންނަ، އިދާރީ ދެ ރަށެއް ގޮތުގައި ހިންގާ ފަސްގަނޑެވެ. އެ ރަށާއި، ގަމާ ދެމެދު މީހުން ދިރިއުޅޭ ރަށްތަކުގެ ތެރޭގައި ހިމެނެނީ ދަނބިދޫ، މާބައިދޫ އަދި މުންޑު އެވެ. އެ ދެމެދު ފަޅުރަށްތަކެއް ވެސް ހިމެނޭތީ، އެ ސަރަހައްދުގައި މުސްތަގުބަލުގައި ޓޫރިޒަމްގެ ވިޔަފާރި ވެސް ފުޅާކުރެވިގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ލ. އަތޮޅުގައި އިތުރު އެއާޕޯޓެއް އެޅުމަކީ ކުރީގެ ސަރުކާރުގެ ވެސް ނިންމުމެކެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޭރު އިއުލާން ކުރެއްވި ގޮތުގައި އެ އެއާޕޯޓް އަޅާނީ އެ އަތޮޅު ދެކުނުގަ އެވެ. އެކަމަކު އޭރު ވެސް އެއީ މީހުން ދިރިއުޅޭ ދެ ރަށް ކަމަށްވާ ހިތަދޫއާއި ކުނަހަންދޫ ދެމެދު އޮންނަ ފަޅުރަށް މާންދޫ ކިޔާ ފަޅު ރަށް ކަމެއް ނުވަތަ މީހުން ދިރިއުޅޭ މާވަށް ކަމެއް ނުނިންމަ އެވެ.

ދެވަނަ އެއާޕޯޓްގެ ކަންތަކުގައި އެ އަތޮޅުގެ ރަށްތަކުގައި ވާދަވެރިކަން ވަރަށް ބޮޑަށް ބޮޑު ވެގެން ދިޔަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *