Tuesday, 28 July 2026
ރަސްފަންނު -- ފޮޓޯ: ހައުސިން މިނިސްޓްރީ

ރަސްފަންނުގެ ފެން ޓެސްޓުކުރަން ސިޓީ ކައުންސިލުން ނިންމައިފި

މާލޭގެ ރަސްފަންނު ބީޗު ސަރަހައްދުގެ ފެން ނަޖިސްވެފައިވާ ކަމަށް ދާދި ފަހުން ހެދި ދިރާސާއަކުން ދެއްކުމާ ގުޅިގެން، އެ ސަރަހައްދުގެ ފެން ޓެސްޓުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްއެވެ.

މޭޔަރު އާޒިމް ވިދާޅުވީ، ރަސްފަންނު ސަރަހައްދުގެ ފެން ތަގައްޔަރުވެފައިވާ މައްސަލައިގައި ކައުންސިލުން ވަކި ގޮތެއް ކަނޑައަޅާނީ ފެން ޓެސްޓުކުރުމަށްފަހު ލިބޭ ނަތީޖާއަށް ބިނާކޮށްގެން ކަމަށެވެ. 2024 ވަނަ އަހަރު ހަދާފައިވާ ދިރާސާއަކުން އެ ސަރަހައްދުގެ ފެން ނަޖިސްވެފައިވާ ކަމަށް ދެއްކުމަކީ ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއްގެ ގޮތުގައި މޭޔަރު ފާހަގަކުރެއްވިއެވެ.

ރަސްފަންނު ތަރައްގީކުރުމުގެ މަސައްކަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، ކޮންސްޓްރަކްޝަން މިނިސްޓްރީން އެތަން ތަރައްގީކުރުމުގެ މަސައްކަތް ކޮށްފައިވަނީ ވަރަށް ފަރުވާކުޑަކޮށް ކަމަށެވެ. އަދި އެ ސަރަހައްދު އެކަށީގެންވާ ގޮތެއްގައި ސާފުނުކޮށް ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށްވެސް އާޒިމް ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން މީގެ ދެ އަހަރު ކުރިން ހަދާފައިވާ ދިރާސާއަކުންވެސް ވަނީ ރަސްފަންނުގެ ފެނުގެ ފެންވަރު ދަށްވަމުންދާކަން ފާހަގަކޮށްފައެވެ. އެ ދިރާސާގައި ބުނެފައިވާ ގޮތުގައި، އޮއިވަރު ހުންނަ ގޮތުން ފެން ދައުރުވުން ކުޑަވުމާއި، ނަރުދަމާ ހޮޅިތައް އެ ސަރަހައްދާ ކައިރީގައި ހުރުމަކީ ފެން ތަގައްޔަރުވުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކެވެ.

ފެން ތަގައްޔަރުވެފައިވާ ކަމަށް ބެލެވޭ ސަރަހައްދަކަށް ގިނަ އަދަދެއްގެ ބަޔަކު މޫދަށް އެރެމުންދާތީ، ސިއްހީ މާހިރުން އަންނަނީ ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޚާއްސަކޮށް ކުޑަކުދިންނާއި އާންމުން މި ސަރަހައްދު ބޭނުންކުރުމުގެ ސަބަބުން ސިއްހީ އެކި މައްސަލަތައް ކުރިމަތިވެދާނެ ކަމުގެ އިންޒާރު މާހިރުން ދެއެވެ.

މާލެ ސިޓީ ކައުންސިލުން މިހާރު ތައްޔާރުވަމުންދަނީ މި މައްސަލައިގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ކުރިން، ސައިންޓިފިކް ގޮތުން ފެން ޓެސްޓުކޮށް ކަށަވަރު ކުރުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *