ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތަކުގެ ތެރެއިން، ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދު ބަލައިފާސްކޮށް ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި، މާލެ އާއި ހުޅުމާލޭގައި ގަވާއިދާ ހިލާފަށް އުޅޭ މީހުން ދެނެގަތުމަށް މިއަދު ހިންގި ހަރަކާތުގައި ޖުމްލަ 38 ބިދޭސީއަކު ބަލައި ފާސްކޮށްފައިވެއެވެ. މީގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ލިޔެކިޔުން ފުރިހަމަނުވާ ތިން މީހުންނެވެ.
މިދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގަނެފައެވެ. އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަންތަކުގައި ބެލުމުގެ ދަށަށް ގެނެވޭ ފަރާތްތައް އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ސަރުކާރުން ކުރިއަށްގެންދާ މި މަސައްކަތަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅުމުގެ އިތުރުން، އަމިއްލައަށް ވިޔަފާރިކޮށް ހަރަކާތްތެރިވަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަމާޒުކޮށްގެން ހިންގާ ހާއްސަ ހަރަކާތެކެވެ.


