"ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026″ ގައި ތަކެތި ބައިވެރިކުރުމުގެ ފުރުސަތު މި އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހުޅުވާލައިފިއެވެ. މިއަހަރުގެ މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއަކުން ތަކެތި ބައިވެރިކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.
މި މައުރަޒަކީ އުމުރުން 13 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ. މީގެ އިތުރުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ 100 އިންސައްތަ ދިވެހި ހިއްސާ އޮންނަ ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ތައުލީމުދޭ މަރުކަޒުތަކުގެ އިތުރުން ރަށް ނުވަތަ ސިޓީ ކައުންސިލްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް މި މައުރަޒުގައި ބައިވެރިވުމުގެ ދޮރު ވަނީ ހުޅުވާލެވިފައެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ މަރުހަލާތައް
ބީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ސާމިހް އާދަމް ވިދާޅުވީ، އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މިއަހަރު އެޕްލިކޭޝަން ހުށަހެޅުން ހަމަޖައްސާފައިވަނީ ފޭސްތަކަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން 31 އޮގަސްޓުގެ ކުރިން ބައިވެރިވާ ފަރާތުގެ އަމިއްލަ މައުލޫމާތާއި، ކުރިމަތިލާ ގިންތިއާއި ބައިވެރިކުރާ ތަކެތީގެ އަދަދު އެކަނި ހުށަހެޅުމުން ފުދޭނެއެވެ.
"މިހާތަނަށް އަންނައިރު ބައެއް ފަރާތްތަކަށް ފަހަރެއްގައި އަދި ޔަޤީންނުވެ ހުރެދާނެ ތިމަންނަ ކޮންމެ ޕްރޮޑަކްޓެއްތޯ ލާނީ. އެހެންވީމަ އެ ވިސްނުމަށް ބަލާފައި މިހާރު އަޅުގަނޑުމެން މިހާރު މި އިނީޝިއަލް ފޭސްގައި މިޖެހެނީ އެބޭފުޅެއްގެ ޕާސަނަލް އިންފޮމޭޝަންއާއިއެއްކޮށް ހަމައެކަނި މި މެންޝަން ކޮށްލަންޖެހެނީ އަޅުގަނޑުމެންގެ މި ހުރި ގިންތިތަކުގެ ތެރެއިން ކޮން ގިންތިއަކުންކަމާ ކުރިމަތިލާންޖެހެނީ ކިތައް ޕްރިޑަކްޓްކަން،" ސާމިހް ވިދާޅުވިއެވެ.
ސުންގަޑިތަކާއި އައު ކެޓަގަރީ
ބީސީސީން ހާމަކޮށްފައިވާ ގޮތުގައި 31 އޮގަސްޓުގެ ކުރިން ބައިވެރިވުމަށް އެޕްލައިކުރުމަށްފަހު، ސެޕްޓެންބަރު 15 އާ ހަމައަށް އުފެއްދުމުގެ ތަފްސީލް ހިމެނުމުގެ ފުރުސަތު ލިބޭނެއެވެ. އަދި އުފެއްދުމާ ބެހޭ އިތުރު ތަފްސީލްތައް ސެޕްޓެންބަރު 30 ގެ ކުރިން ފުރިހަމަކުރުމުގެ ފުރުސަތު ވެސް އޮންނާނެއެވެ. މިހާތަނަށް މި މައުރަޒަށް 180 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
މިއަހަރުގެ މައުރަޒުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ދީނީ ކޮންޓެންޓަށް ޚާއްޞަ ކެޓަގަރީއެއް އަލަށް ތަޢާރަފްކޮށްފައިވުމެވެ. މިއީ އިސްލާމީ ތަޢުލީމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތްތައް ޤައުމީ ފެންވަރުގައި ދައްކާލުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށް ބީސީސީން ދެކެއެވެ.


