އާބާދީއާއި ތަރައްޤީ އެއްފަސްކުރުމަކީ ރާއްޖޭގެ މުސްތަޤުބަލު އުޖާލާކުރުމަށްޓަކައި ނުހަނު ބޭނުންތެރި ކަމެއް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރ. އުނގުލާއި އުނޑޫދޫގެ ރައްޔިތުން ހުޅުދުއްފާރަށް ބަދަލުކުރިތާ 31 އަހަރު ފުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި ހުޅުދުއްފާރަކީ ކުދި އާބާދީތައް އެއްފަސްވެ އެކުގައި މަސައްކަތް ކުރުމުން ލިބޭނެ ކުރިއެރުމުގެ އަލިގަދަ މިސާލެކެވެ. 1995 ވަނަ އަހަރު ކުރީގެ ރައީސް މައުމޫނު އަބްދުލްޣައްޔޫމްގެ ވެރިކަމުގައި މި ދެ ރަށުގެ ރައްޔިތުން ބަދަލުކުރުމުން ލިބުނު ކުރިއެރުމަކީ އެ އާއިލާތަކުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމެއްކަންވެސް ވަޒީރު ވިދާޅުވިއެވެ.
އާބާދީ އެއްފަސްކުރުމުގެ ސިޔާސަތަކީ މިފަދަ ގޮންޖެހުންތަކަށް އޮތް ދާއިމީ ހައްލެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިކަމުގެ ސަބަބުން ވަސީލަތްތައް އެއްތަނަކަށް ޖަމާކޮށް، ފެންވަރު ރަނގަޅު ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.


