މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ އިހްތިފާލްތައް ބޭއްވުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފިޝަރީސް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން މިއަދު ހުޅުވާލައިފިއެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ މަސްވެރިން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހިތްވަރުދީ ތަރުހީބު ދިނުމެވެ. މިއީ ކޮންމެ އަހަރަކުވެސް ސަރުކާރުން ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުން އަންނަ ދުވަހެކެވެ.
ފިޝަރީސް މިނިސްޓްރީން ބުނީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، 31 މެއި ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުށަހަޅަންޖެހޭނެ ކަމަށެވެ. މި ފޯމުތައް ހުށަހަޅަންޖެހެނީ ގަވަރމަންޓް އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށް އެ މިނިސްޓްރީއަށެވެ.
މި ދުވަސް ފާހަގަކުރުމަށް ރަށެއް ކަނޑައެޅުމުގައި އެ ރަށެއްގެ މަސްވެރިކަމުގެ ހާލަތަށާއި، ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް ހިންގުމަށް ހުރި ފުރުސަތުތަކަށް ބަލާނެއެވެ. ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން މި ދުވަސް އަންނަނީ ފާހަގަކުރަމުންނެވެ.


