Tuesday, 28 July 2026
ރާއްޖޭގެ ރައީސް މުހައްމަދު މުއިއްޒު އަދި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ -- ފޮޓޯ: ރައީސް އޮފީސް

ސާކް ކަރަންސީ ސްވޮޕްގެ ދަށުން އިންޑިއާއިން ރާއްޖެއަށް 30 ބިލިއަން ރުޕީސް ދޫކުރުމަށް ނިންމައިފި

ސާކް ކަރަންސީ ސްވޮޕް ފްރޭމްވޯކްގެ ދަށުން އިންޑިއާއިން ދިވެހިރާއްޖެއަށް ދެމުންގެންދާ އިގްތިސާދީ އަދި މާލީ އެހީތެރިކަމުގެ ތެރެއިން 30 ބިލިއަން އިންޑިއަން ރުޕީސް ދޫކުރުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ. މާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ މި ފްރޭމްވޯކްގެ ދަށުން ފައިސާ ނެގުމަށް ހަމަޖެހިފައިވާ ފުރަތަމަ ފިޔަވަހި ކަމަށެވެ.

މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވުނު 'ފްރޭމްވޯކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޯ ސާކް ކަންޓްރީސް' ގެ ދަށުން ކުރިއަށްދާ ކަމެކެވެ.

މީގެ އިތުރުން، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މި ފްރޭމްވޯކްގެ ދަށުން ރާއްޖެއިން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ފެސިލިޓީ މިއަދު ވަނީ އަނބުރާ ދައްކާފައެވެ. ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފައިސާ އަނބުރާ ދެއްކުމަކީ މާލީ ޒިންމާތައް އަދާކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށެވެ.

އިންޑިއާ ހައިކޮމިޝަނުން ފާހަގަކުރި ގޮތުގައި، 2012 ވަނަ އަހަރު ސާކް ސްވޮޕް ފްރޭމްވޯކް އިފްތިތާހު ކުރި ފަހުން އާރުބީއައި އިން ވަނީ ޖުމްލަ 1.1 ބިލިއަން ޑޮލަރުގެ ސްވޮޕް އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައެވެ. މި ކަރަންސީ ސްވޮޕް ފެސިލިޓީއަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ވަސީލަތެއް ކަމަށްވެސް ހައިކޮމިޝަނުން ބުނެފައިވެއެވެ.

ނިމިދިޔަ އަހަރުވެސް އިންޑިއާއިން ވަނީ ރާއްޖޭގެ އެދުމުގެ މަތިން ކުއްލި މާލީ އެހީތެރިކަމުގެ ގޮތުގައި 100 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ރޯލްއޯވަރ ކޮށްދީފައެވެ. މިއީ އިންޑިއާގެ ’ނެއިބަހުޑް ފަސްޓް' ސިޔާސަތާއި ’ވިޜަން މަހާސާގަރު' ގެ ދަށުން ރާއްޖެއަށް ދޭ ހާއްސަ އިސްކަމެއްގެ ގޮތުގައި އިންޑިއާއިން ސިފަކުރެއެވެ.

އިންޑިއާ ހައިކޮމިޝަނުގެ ބަޔާން ނިންމާލަމުން ބުނެފައިވަނީ، ރާއްޖެއަކީ އިންޑިއާގެ މުހިންމު ބައިވެރިއެއް ކަމަށާއި، ގާތް އަވަށްޓެރިއެއްގެ ހައިސިއްޔަތުން ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ގައުމަކަށް އަބަދުވެސް އިންޑިއާ ވާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *