Tuesday, 28 July 2026
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) -- ފޮޓޯ: ސަންގު

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަސްކުރަން ގަޕޯ ހުށަހަޅުއްވައިފި

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާއި ގައުމީ މަޖިލިސް އިންތިހާބު މިވަގުތު ބޭއްވުމުގެ ބަދަލުގައި ފަސްކުރުމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ހުށަހަޅުއްވައިފި އެވެ. މި ހުށަހެޅުން އޭނާ ހުށަހެޅުއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއް މެދުވެރިކޮށެވެ.

ގަޕޯ ވިދާޅުވީ މި ދަނޑިވަޅުގައި އިންތިހާބު ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި، ސަރުކާރު ޖަވާބުދާރީކުރުވުމަށް ޕާޓީން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށެވެ. މީގެ އިތުރުން، އިންތިހާބު ފަސްކުރަން ޖެހޭ ދެވަނަ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ޕާޓީގައި ފައިސާ ނެތުމެވެ. އެގޮތުން ދައުލަތުގެ ބަޖެޓުން އެމްޑީޕީއަށް ލިބެންޖެހޭ ފައިސާ އަދިވެސް ލިބިފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އިންތިހާބު ފަސްކުރުމުގެ އިތުރުން، ޕާޓީ ހިންގުމަށްޓަކައި އިސް ފަރާތްތަކުން މަޝްވަރާކޮށްގެން ވަގުތީ އިންތިޒާމެއްގެ ދަށުން ކުރިއަށް ދިއުމަށް ވެސް ގަޕޯ ވަނީ ހުށަހަޅުއްވައިފަ އެވެ. އަދި މިކަން ގައުމީ މަޖިލީހަށް ހުށަހަޅައިގެން ރަސްމީކޮށް ފާސްކުރުމަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.

ޗެއާޕާސަން އިންތިހާބު ފަސްކުރުމަށް ވަގުތީ ޗެއާޕާސަން ހުށަހެޅުއްވި އިރު، މި މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ގެންދަވަނީ ވަރަށް ވާދަވެރިކަމާ އެކު ކެމްޕެއިން ކުރައްވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *