މި ހިނގާލުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންގެ ތެރޭގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުރުން، ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ހިމެނިވަޑައިގަންނަވައެވެ.
ހިނގާލުމުގެ ބައިވެރިންނާ މުޚާތަބުކުރައްވައި ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ "ރާއްޖޭގެ މައިބަދައަކީ މަސައްކަތްތެރިން" ކަމަށެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ ދިވެހި އަދި ބިދޭސީ މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން މުހިއްމު މަސައްކަތްތަކެއް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންގެ ނާޖައިޒު ފައިދާ ނެގުން ހުއްޓުވުމާއި ދިވެހިންނަށް ރައްކާތެރި މަސައްކަތުގެ މާޙައުލެއް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއް ކަމަށެވެ.
އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ދެއްކެވި ވާހަކަފުޅުގައި، މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކުރުމަށާއި އެފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ވަޒީރު ހީނާ ވަލީދު ވިދާޅުވީ ކޮންމެ ދާއިރާއަކުން ޤައުމަށް ޚިދުމަތްކުރާ މަސައްކަތްތެރިއެއްގެ ޚިދުމަތަކީ އަގުނުކުރެވޭނެ ޚިދުމަތެއް ކަމަށާއި، އެފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭނެ ކަމަށެވެ.
ކޮންމެ އަހަރެއްގެ މޭ މަހުގެ އެއްވަނަ ދުވަހަކީ ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރާ ދުވަހެކެވެ. މިއަދުގެ ހިނގާލުމުގެ ބައިވެރިން ވަނީ މަސައްކަތްތެރިންގެ އަސާސީ ޙައްޤުތަކާއި ޚިދުމަތްތައް ސަރުކާރުން ފޯރުކޮށްދެމުންދާކަން ފާހަގަކޮށްފައެވެ.


