Tuesday, 28 July 2026

ޣައްޒާއަށް އެހީ ހިފައިގެން ދިޔަ ފްލޮޓިލާއަށް އިސްރާއީލުން ހުރަސްއެޅި މައްސަލަ ރާއްޖެއިން ކުށްވެރިކޮށްފި

ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތުރުކުރި "ގްލޯބަލް ސުމޫދު ފްލޮޓިލާ" އަށް އިސްރާއީލުން ހުރަސްއަޅައި، އޭގައި ތިބި އެކްޓިވިސްޓުން ހައްޔަރުކުރި މައްސަލަ ދިވެހިރާއްޖެ ހިމެނޭހެން 11 ގައުމަކުން ގުޅިގެން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މި އުޅަނދުފަހަރަކީ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު ފޯރުކޮށްދިނުމަށް މަދަނީ ޖަމިއްޔާތަކުން އިސްނަގައިގެން ކުރިއަށްގެންދިޔަ ސުލްހަވެރި ހަރަކާތެކެވެ. ނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ މި އުޅަނދުތަކަށް ހުރަސްއަޅައި، އޭގައި ތިބި މީހުން ބަންދުކޮށްފައެވެ.

މިކަމާ ގުޅިގެން ނެރުނު ގުޅިފައިވާ ބަޔާނުގައި، އިސްރާއީލުން ހައްޔަރުކޮށްފައިވާ ހުރިހާ އެކްޓިވިސްޓުން ވަގުތުން މިނިވަންކުރުމަށް ވަނީ ގޮވާލާފައެވެ. އަދި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅުމަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ ހިލާފު ކަމެއްކަން މި ގައުމުތަކުން ފާހަގަކޮށްފައިވެއެވެ.

މި ބަޔާނުގައި ބައިވެރިވި ގައުމުތަކުން އިތުރަށް ބުނެފައިވަނީ، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ އެހީތެރިކަން އެއްވެސް ހުރަހެއް ނެތި ފޯރުކޮށްދެވޭނެ މަގު ފަހިކޮށްދޭންޖެހޭ ކަމަށެވެ. މި ހަރަކާތަކީ އިންސާނިއްޔަތަށްޓަކައި ކުރިއަށްގެންދިޔަ މަދަނީ ހަރަކާތެއްކަންވެސް އެ ގައުމުތަކުން ވަނީ ހަނދާންކޮށްދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *