Tuesday, 28 July 2026

ޕްރެޒިޑެންޝިއަލް ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕަށް ފުރުސަތު ހުޅުވާލައިފި

މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާޝިޕް ނުވަތަ ޕްރެޒިޑެންޝިއަލް ސްކޮލާޝިޕް އަދި ހައި އެޗީވާސް ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.

ޕްރެޒިޑެންޝިއަލް ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް އެ ދަރިވަރަކު ކިޔަވަން ބޭނުންވާ ދާއިރާއަކުން، ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސައިދޭނެއެވެ. މިއީ މަތީ ތައުލީމަށް ދަރިވަރުންނަށް ހުޅުވާލެވިފައިވާ އެންމެ މަތީ ފަންތީގެ ފުރުސަތެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ޕްރެޒިޑެންޝިއަލް ސްކޮލާޝިޕަށް ޝަރުތުހަމަވާނީ ޝަހާދާ ސާނަވިއްޔާ އިމްތިހާނުގައި ކިޔެވި ސްޓްރީމްގައި ކިޔަވަން ޖެހޭ ކަމަށް ކަނޑައަޅާފައިވާ ހުރިހާ މާއްދާއަކުން ’އޭ ސްޓާ' ހޯދާފައިވުމާއެކު، އެޗްއެސްސީގެ ދިވެހި މާއްދާއިން ވެސް 'އޭ ސްޓާ' ހޯދާފައިވާ ދަރިވަރުންނަށެވެ.

މި ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ސުންގަޑިއަކީ 30 ސެޕްޓެމްބަރު 2027 ކަމަށް އެ މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް، މި ފުރުސަތު ލިބޭ ދަރިވަރުން ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި ކިޔަވަން ފަށަން ޖެހޭނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މަތީ ސާނަވީ ނިންމާ ދަރިވަރުންނަށް ދެވޭ މި ސްކޮލާޝިޕްތަކަކީ ރާއްޖެއަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ސަރުކާރުން ދޭ ވަރަށް ބޮޑު އިސްކަމެއްގެ ދަށުން ހުޅުވާލެވޭ ފުރުސަތުތަކެކެވެ. އެހެންކަމުން ވީ އެންމެ އަވަހަކަށް މި ފުރުސަތުގެ ބޭނުން ހިފުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދަރިވަރުންނަށް އިލްތިމާސްކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *