ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް "ޕްރެސަރ ވިތު ދަ ސްޕޮކްސް" ގެ ނަމުގައި ފެށި ސިލްސީ ޕްރޮގްރާމުގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ސިޔާސީ މުވައްޒަފުން 700 އަށް ވުރެ އިތުރު ނުކުރުމަކީ އިންތިގާލީ މަރުހަލާގެ ތެރޭގައި ހިފި އަމާޒެއް ކަމަށެވެ. ނަމަވެސް، މިހާރު ތިއްބެވި ސިޔާސީ މުވައްޒަފުންގެ ސީދާ އަދަދެއް އޭނާ ހާމައެއް ނުކުރައްވަ އެވެ. މުންދު ވިދާޅުވި ގޮތުގައި އެ އަދަދު ދަނީ ދުވަހުން ދުވަހަށް ބަދަލުވަމުންނެވެ.
ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް ކޮންމެ އަހަރަކު ކުރިއަށްގެންދާ ހާއްސަ އެސެސްމަންޓްގެ މަސައްކަތް މިހާރު ފަށާފައިވާކަން ތަރުޖަމާނު ފާހަގަކުރެއްވި އެވެ.
"މި އެސެސްމަންޓްގެ ނަތީޖާއަށް ބަލައި، އެކަށީގެންވާ ނަތީޖާ ނުނެރެވޭ ފަރާތްތައް ވަޒީފާއިން ވަކިކުރުން ނުވަތަ އެހެން ވުޒާރާއަކަށް ބަދަލުކުރުން ފަދަ ފިޔަވަޅުތައް އަޅަމުންދާނެ،" މުންދު ވިދާޅުވި އެވެ.
މީގެ އިތުރުން މުންދު ވިދާޅުވީ، ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) މަގާމުތައް ވެސް ކުރިއަށް އޮތް ތަނުގައި މަދުވެގެން ދާނެ ކަމަށެވެ. އަދި މި މަސައްކަތްތައް އެއްކޮށް ނިމުމުން، ސިޔާސީ މުވައްޒަފުންގެ އަދަދުތައް ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ (އާރުޓީއައި) ދަށުން ހުށަހަޅަން ނުޖެހޭނެ ކަމަށާއި، އެ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށް އެނގެން އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


