ޕީސީބީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަށް މިއަދުން ފެށިގެން އަނަސް އައްޔަންކޮށްފައިވާ ކަމަށެވެ. މިފްކޯގެ އެމްޑީގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ފަރުހަތު ޝަހީރު މި މަހުގެ މެދުތެރޭގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އަނަސްއަކީ މާލީ ދާއިރާ އާއި ސިޔާސަތު ކަނޑައެޅުމުގެ ދާއިރާއިން ބޮޑު ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމާއި، ޕީސީބީގެ ރައީސްގެ މަގާމުވެސް ފުރުއްވާފައެވެ. ވަކިން ހާއްސަކޮށް ދައުލަތުގެ ދަރަނި މެނޭޖުކުރުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ މަސައްކަތްތަކުގައި އޭނާ އިސް ދައުރެއް އަދާކުރައްވާފައިވެއެވެ.
ތައުލީމީ ގޮތުން ބަލާއިރު، އަނަސް ވަނީ ރާއްޖޭގެ ގައުމީ ޔުނިވަސިޓީން އެމްބީއޭ ހާސިލުކުރައްވައި، އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ހާޓްފޯޑްޝަޔަ އިން އެކައުންޓިން ދާއިރާއިން ފަސްޓް ކްލާސް އޮނަސްއާއެކު ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފައެވެ. މީގެ އިތުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އޮޑިޓް މެނޭޖަރުގެ މަގާމާއި މޯލްޑިވްސް ބިޒްނަސް ސްކޫލްގެ އެސޯސިއޭޓް ޕްރޮފެސަރެއްގެ ގޮތުގައިވެސް އޭނާ ވަނީ މަސައްކަތް ކުރައްވާފައެވެ.
މިފްކޯގެ ހިންގުމަށް މި ފަހަކަށް އައިސް ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، މި ސަރުކާރުން އެންމެ ފުރަތަމަ އެ ކުންފުނީގެ ސީއީއޯގެ މަގާމަށް އައްޔަންކުރެއްވި ސަމާހު ރަޝީދު ވަނީ މިއަހަރުގެ މެއި މަހު މަގާމުން ވަކިކުރައްވާފައެވެ. އޭގެ ފަހުން ބިދޭސީ ސީއީއޯއެއް ހޯދުމަށްވެސް ސަރުކާރުން މަސައްކަތްތަކެއް ކޮށްފައިވެއެވެ.


