ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްގެ މަގާމަށް މުހައްމަދު ނިޒާރު މިއަދު އައްޔަންކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި މަގާމަށް ނިޒާރު އައްޔަންކުރެއްވީ، އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު އަނަސް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ނިޒާރަކީ މީގެ ކުރިން 2014 އިން 2019 އަށް ވެސް ޕީސީބީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ބައިނަލްއަގްވާމީ ވިޔަފާރި، ކޯޕަރޭޓް މެނޭޖްމަންޓް އަދި ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާއިން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަންނީ މާހިރެކެވެ.
އެސްޓީއޯގައި 20 އަހަރަށް ވުރެ ގިނަ ދުވަހު އިސް މަގާމުތަކެއް ފުރުއްވާފައިވާ ނިޒާރު ވަނީ މޯލްޑިވް ގޭސް އާއި އެމްއެސްޕީ ފަދަ ކުންފުނިތަކުގެ ބޯޑު މެންބަރުކަން ވެސް ކުރައްވައިފައެވެ. އޭނާ ވަނީ ޔުނިވަސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވައިފައެވެ.
ޕީސީބީން ވަނީ ކުރީގެ ރައީސް އަނަސް ކުރެއްވި މަސައްކަތްޕުޅުތަކަށް ޝުކުރު އަދާކޮށް، އާ ރައީސް ނިޒާރަށް މަރުހަބާ ކިޔާފައެވެ. ނިޒާރަކީ ދައުލަތުގެ ކުންފުނިތަކުގެ ހިންގުން މޮނިޓަރކޮށް ހަރުދަނާކުރުމުގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރެކެވެ.


