ސަރުކާރުން ކުރިއަށްގެންދާ "ބިންވެރިޔާ" ހާއްސަ ސްކީމަށް ތިންވަނަ ކެޓަގަރީއެއް އިތުރުކޮށް، އެ ކެޓަގަރީގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މި ސްކީމަށް އަލަށް އިތުރުކުރި ތިންވަނަ ކެޓަގަރީއަކީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، ލިބިފައިވާ ގޯތި ދޫކޮށްލުމަށްފަހު ވަކިން ގޯއްޗަށް ނުވަތަ ފްލެޓަށް އެދެން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކެޓަގަރީއެކެވެ. މީގެ ތެރޭގައި ސިންގަލް އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކާއި، ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާފައިވާ ހުރިހާ ފަރާތްތަކުން ގޯތި ދޫކޮށްލަން އެދޭ ހާލަތްތައް ހިމެނެއެވެ.
މި ކެޓަގަރީގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މޭ 10 ވަނަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން މެއި 31 ވަނަ ދުވަހުގެ ރޭގަނޑު 23:59 ގެ ނިޔަލަށެވެ. ބޯހިޔާވަހިކަމަށް އެދި ހުށަހަޅަންޖެހޭނީ ހާއްސަ ޕޯޓަލް މެދުވެރިކޮށް ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މިހާރު އޮތް ތިން ކެޓަގަރީ:
1. ކެޓަގަރީ-1: ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތައް.
2. ކެޓަގަރީ-2: ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮތުމުގެ ސަބަބުން ބިންވެރިޔާ ސްކީމަށް ކުރިމަތިނުލެވުނު ފަރާތްތައް.
3. ކެޓަގަރީ-3: ލިބިފައިވާ ގޯތި ދޫކޮށްލުމަށްފަހު ވަކިން ގޯއްޗާއި ފްލެޓަށް އެދެން ބޭނުންވާ ފަރާތްތައް.
މި ސްކީމަކީ މާލެ ސަރަހައްދުން ބޯހިޔާވަހިކަން ހޯދުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ބައެކެވެ. އެޕްލިކޭޝަން ހުށަހަޅާއިރު އުސޫލުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތަކެއް ފުރިހަމަކުރަންޖެހޭނެ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ހަނދާންކޮށްދީފައެވެ.


