Tuesday, 27 October 2026
ދިވެހިރާއްޖޭގެ ސްޕްރިމް ކޯޓު --

އެންޓި-ޑިފެކްޝަން އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ބެލޭނެކަމަށް ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވުމަށް ނުވަތަ 'އެންޓި-ޑިފެކްޝަން' އާ ގުޅޭގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ ގާނޫނީ ބާރާއި އިހުތިސާސު ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް އެ ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

މި މައްސަލައަކީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައެކެވެ. މި މައްސަލަ ބެލުމުގެ އިހުތިސާސު ސުޕްރީމް ކޯޓަށް ލިބިފައި ނުވާ ކަމަށް ބުނެ ދައުލަތުން ވަނީ މީގެ ކުރިން އިޖުރާއީ ނުކުތާއެއް ފާހަގަކޮށްފައެވެ. ނަމަވެސް، މިއަދު ބޭއްވި އަޑުއެހުމުގައި އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުހައްމަދު ވަނީ ދައުލަތުގެ އެ ނުކުތާއަށް ރައްދު ދެއްވައި، މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމަވާފައެވެ.

އުއްތަމަފަނޑިޔާރު ވިދާޅުވީ ގާނޫނުއަސާސީއާއި ފަނޑިޔާރުންގެ ގާނޫނަށް ބަލާއިރު، ގާނޫނީ ހުސްކަމަކަށް ރާއްޖެ ހިނގައިދާނެ ފަދަ ކަންކަމާއި، އާންމު މަސްލަހަތާ ގުޅުންހުރި ދުސްތޫރީ މައްސަލަތައް ބެލުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށެވެ. އަދި މި މައްސަލައަކީ އެފަދަ މިންގަނޑުތަކަށް ފެތޭ މައްސަލައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދައުލަތުގެ ފަރާތުން ބުނެފައިވަނީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއްގެ ސައްހަކަން ބެލުމުގައި ކޯޓަށް ބެލޭނީ ހަމައެކަނި އިޖުރާއީ ކަންކަން ކަމަށާއި، އިސްލާހުގެ މައުޟޫއީ (ކޮންޓެންޓް) ސައްހަކަން ނުބެލޭނެ ކަމަށެވެ. ނަމަވެސް، އުއްތަމަފަނޑިޔާރު ވިދާޅުވީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއްގެ މައުޟޫއީ ސައްހަކަމާ މެދު ސުވާލު އުފެދޭ މައްސަލަތައް ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ބުނާ ދުސްތޫރީ ނުވަތަ ގާނޫނީ ނައްސެއް ނެތް ކަމަށެވެ.

މީގެ އިތުރުން، ގާނޫނުއަސާސީގެ މާއްދާއެއް މާނަކުރުމަކީ ހަމައެކަނި އިޖުރާއީ ސައްހަކަން ކަށަވަރުކުރުން ނޫން ކަމަށްވެސް ކޯޓުން ވަނީ ކަނޑައަޅާފައެވެ. މި ނިންމުމާއެކު، ޕާޓީ ބަދަލުކުރުމުން މެންބަރުކަން ގެއްލޭ ގޮތަށް ގެނައި އިސްލާހުގެ މައުޟޫއީ ބަހުސް ސުޕްރީމް ކޯޓުގައި ކުރިއަށް ދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *