Tuesday, 28 July 2026
އިލެކްޝަން ކޮމިޝަންގެ މެމްބަރުން -- ފޮޓޯ: އީސީ

މީހުންގެ އަމިއްލަ ދިރިއުޅުމަށް ފާޑުނުކިޔުމަށް އަންގައި އެމްޑީޕީއާއި ޕީއެންއެފަށް އިލެކްޝަން ކޮމިޝަންގެ ސިޓީއެއް!

އިދިކޮޅު އެމްޑީޕީއާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްވެ ހުންނަވާ ޕީއެންއެފްއިން މާލޭގައި ކުރިއަށްގެންދާ މުޒާހަރާތަކުގައި ސިޔާސީ ވެރިންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިޔުމަށް އަންގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ދެ ޕާޓީއަށް ސިޓީއެއް ފޮނުވައިފިއެވެ.

އީސީން ފޮނުވި ސިޓީގައި ވަނީ، ސިޔާސީ ޕާޓީތަކުގެ ވެރިންނާއި މެންބަރުންގެ އިތުރުން ޕާޓީތަކަށް މަސައްކަތްކުރާ މީހުންގެ އަމިއްލަ ދިރިއުޅުމަށް ފާޑުނުކިޔުމަށާއި، މުޖުތަމައުގައި ނަފުރަތާއި ރުޅިވެރިކަން އުފެދޭނެ ފަދަ ހަގީގަތާ ހިލާފު ވާހަކަތައް ނުދެއްކުމަށް އިލްތިމާސްކޮށްފައެވެ. އަދި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ފަދަ އަމަލުތަކުން ދުރުހެލިވެ، ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ސުލޫކީ މިންގަނޑުތަކަށް ބޯލެނބުމަށް ވެސް އެ ކޮމިޝަނުން ވަނީ އަންގައިފައެވެ.

މި މަހުގެ ކުރީކޮޅު ބޭއްވި ބައި-އިލެކްޝަންތަކުގައި ސަރުކާރަށް ލިބުނު ނަތީޖާއާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދާއިރު، މި އެއްވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށް 'އަދަދު' ނޫހުން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓަރީއަކަށް އިޝާރާތްކޮށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން، ގާނޫނީ އިމުން ބޭރުގައި މަގުތަކާއި އާންމު މައިދާންތަކުގައި އެއްވުންތައް ނުބޭއްވުމަށް އީސީން ވަނީ ނަސޭހަތްތެރިވެފައެވެ. ނަމަވެސް ގާނޫނީ ހުދޫދުގެ ތެރެއިން ކުރިއަށްގެންދާ ހަރަކާތްތަކަށް އެ ކޮމިޝަނުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ސިޓީގައި ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަނުން ވެސް ވަނީ ޕީއެންއެފްގެ މުޒާހަރާތައް ލައިވް ނުކުރުމަށް 'ޗެނަލް 13′ އަށް އަންގައިފައެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ މި އެއްވުންތަކުގައި ހަމަނުޖެހުމަށް ހިތްވަރުދޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަނެއްކޮޅުން، ރައީސަށް ތުހުމަތުކޮށް 'އަދަދު' ނޫހުން ނެރުނު ވީޑިއޯއާ ގުޅިގެން ފުލުހުން ވަނީ އެ ނޫހުގެ އޮފީސް ބަލައިފާސްކޮށް، އެ ނޫހުގެ އިސްވެރިން ފުރުން މަނާކޮށްފައެވެ. މި ފިޔަވަޅުތަކާ ގުޅިގެން ރާއްޖެއާއި ރާއްޖޭން ބޭރުގެ ނޫސްވެރިންގެ ޖަމިއްޔާތަކުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *