ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށް "އަދަދު" ނޫހުން އާންމުކުރި "އައިޝާ" ވީޑިއޯ ރިޕޯޓާ ގުޅިގެން، ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ކުރިން ފުރާފައިވާ އައިޝަތު އީޝާ އަޝްރަފްގެ ޕާސްޕޯޓް ފުލުހުން މިއަދު ހިފަހައްޓައިފިއެވެ. އީޝާ ވަނީ މި ސަރުކާރުގެ ރައީސް އޮފީހުގެ އިތުރުން ޖެންޑާ މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ވެސް މަސައްކަތް ކުރައްވާފައެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، މިއީ މާޗް 28، 2024 ގައި "އަދަދު" އޮންލައިންގެ އެކްސް އެކައުންޓުން ޝާއިއުކުރި ވީޑިއޯ ރިޕޯޓުގައި ރައީސް މުއިއްޒުއާ ގުޅޭގޮތުން ދޮގު ތުހުމަތުތަކެއްކޮށް، ގަޒުފުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށެވެ. އަދި މި މައްސަލައިގައި އީޝާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، އޭނާ ރާއްޖޭން ފުރައިގެންދާން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ރޭގެ ވަގުތެއްގައި "އަދަދު" ނޫހުގެ އޮފީސް ބަލައި ފާސްކޮށް، އެ ތަނުން ބައެއް ސާމާނު ގެންގޮސްފައެވެ. މީގެ އިތުރުން، އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފައެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ، އެ ވީޑިއޯގައި ހުރީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ މެދު ދައުވާ ކުރަން ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"މިފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާއި ދެކޮޅަށް އަޅުގަނޑު ދައުވާ ކުރަން އެދެން ކަމާއި ބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން،" ރައީސް ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުންގެ އިތުރުން މީޑިއާ ކައުންސިލުން ވެސް އަންނަނީ ބަލަމުންނެވެ. އީޝާ ވަނީ އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަން ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.


