އައްޑޫ ސިޓީ ހުޅުމީދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ވަރަށް ބޮޑަށް ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ، ހުޅުމީދޫ ހެލްތު ސެންޓަރަށް ގެންދިޔަ މީހަކަށް ބޮޑު އަނިޔާއެއް ވެފައިވާ މައްސަލަ އެ އިދާރާއަށް ރިޕޯޓްކޮށްފައިވަނީ 28 އެޕްރިލްގެ މެންދުރުފަހު 13:50 އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
މި ހާދިސާއާ ގުޅިގެން މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެ މީހާއަށް އަނިޔާވެފައިވަނީ ރަށުގެ ގެއެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ކަމަށް ވެއެވެ. އަދި މި މާރާމާރީއަކީ މަސްތުވާތަކެތީގެ މުއާމަލާތަކާ ގުޅިގެން އުފެދުނު ދެބަސްވުމެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި ހަމަލާގައި ޒަޚަމްވި މީހާއަށް ހުޅުމީދޫ ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށްފަހު، މިހާރު ވަނީ އިތުރު ފަރުވާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ 44 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.


