"އަދަދު" ނޫހުން "އައިޝާ" ގެ ނަމުގައި އުފެއްދި ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް، އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ. މި މައްސަލައިގައި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާގެ ޕާސްޕޯޓު ވެސް މީގެ ކުރިން ވަނީ ހިފަހައްޓާފަ އެވެ.
ހަސަންގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، އެ ޑޮކިއުމެންޓްރީގައި ރައީސުލްޖުމްހޫރިއްޔާއަށް ކޮށްފައިވާ ތުހުމަތުތަކުގެ ތަހުގީގު ކުރިއަށްދާތީ އާއި، އެ މައްސަލައިގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭތީ އޭނާ ރާއްޖެއިން ފުރައިގެން ހިނގައިދާނެ ކަމަށް ބެލެވޭ ކަމަށެވެ. މި އަމުރުގެ ދަށުން އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ.
މި ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ ރޭގެ ވަގުތެއްގައި "އަދަދު" ނޫހުގެ އޮފީހަށް ވަދެ، އެ ތަން ފާސްކޮށްފަ އެވެ. މި ފާސްކުރުމުގެ ތެރޭގައި ނޫހުގެ މަސައްކަތްތަކަށް ބޭނުންކުރާ ބައެއް އިލެކްޓްރޯނިކް އާލާތްތަކާއި ސްޓޯރޭޖް ޑިވައިސްތައް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ޑޮކިއުމެންޓްރީގައި އެ މަނިކުފާނަށް ކޮށްފައިވާ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާފަ އެވެ. އަދި އެ ޑޮކިއުމެންޓްރީ އުފެއްދުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


