Tuesday, 28 July 2026
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

ޕޭޕަލްގެ ޚިދުމަތް ރާއްޖެއިން ލިބެން މާ ގިނަ ދުވަހެއް ދެން ނެތް: ސަޢީދު

ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތައް ކުރުން ފަސޭހަކޮށްދޭ ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތައާރަފުކުރުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށާއި، އެ ޚިދުމަތް ލިބެން މާ ގިނަ ދުވަހެއް ދެން ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، މިހާރު ކުރިއަށްދަނީ އުރީދޫ މެދުވެރިކޮށް ޕޭޕަލްގެ އިންޓެގްރޭޝަން މަސައްކަތާއި ޓެސްޓިން ފޭސްގެ މަސައްކަތްތައް ކަމަށެވެ.

"ދެން އޮންނާނީ ރަސްމީކޮށް ލޯންޗުކޮށް، ދިވެހިން ބޭނުންކުރަން ފެށުން، އަޅުގަނޑު ހިތެއް ނުބުނޭ މާ ގިނަ ދުވަސް ވެދާނެއެކޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ޕޭޕަލް ރާއްޖެއަށް ތައާރަފުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވައުދުފުޅެކެވެ. މި ޚިދުމަތް ރާއްޖެއަށް ގެނައުމަށްޓަކައި އުރީދޫއާއެކު ޕާޓްނާޝިޕެއް ހަދާފައިވާއިރު، މިދިޔަ އޮކްޓޫބަރު މަހު އިކޮނޮމިކް މިނިސްޓްރީން ވަނީ ޚިދުމަތް ފެށުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެހިފައިވާކަން އިއުލާންކޮށްފައެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިފަދަ ބައިނަލްއަގުވާމީ ޕޭމެންޓް ސިސްޓަމްތައް ރާއްޖެއަށް ގެނައުމުގައި ފަންނީ އަދި މާލީ ގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ ގޮންޖެހުންތަކުން އަރައިގަތުމަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކޮށްފައެވެ.

ޚިދުމަތް ފެށޭނެ ސީދާ ތާރީޚެއް މިނިސްޓަރު ހާމަކުރައްވާފައި ނުވަނީ، ޓެސްޓިން މަރުހަލާތައް ފުރިހަމަކުރަން ޖެހޭތީ ކަމަށް އޭނާ ވިދާޅުވިއެވެ. އުރީދޫން ކުރިން ބުނެފައިވާ ގޮތުގައި، މި އަހަރުގެ ތެރޭގައި ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ރަސްމީކޮށް ބޭނުންކުރަން ފެށޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *