"މޯލްޑިވްސް ވިމެން އިން ޕޮލިސިން" ކޮމިޓީ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ފަސްޓްލޭޑީ ވިދާޅުވީ، އަންހެން އޮފިސަރުން އިތުރުވުމުން ޖިންސީ އަނިޔާ އާއި ގެވެށި އަނިޔާ ފަދަ ނާޒުކު މައްސަލަތަކުގައި އާންމުންގެ އިތުބާރު ބޮޑުވެ، އެފަދަ މައްސަލަތަކަށް ދެވޭ އިޖާބަ އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން އަންހެނުންނަކީ ގުދުރަތީގޮތުންވެސް ކަންކަމުގައި ކެތްތެރިކަމާއެކު މުއާމަލާތް ކުރުމުގެ ހުނަރު ލިބިފައިވާ ބަޔަކަށް ވުމުން މިއީ އަމަން ބެލެހެއްޓުމުގެ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަން،" ސާޖިދާ ވިދާޅުވިއެވެ.
މީގެއިތުރުން، އަންހެން ފުލުހުން ހަމައެކަނި އިދާރީ މަސައްކަތްތަކުގައި ތިބުމުގެ ބަދަލުގައި، ފްރަންޓްލައިން އޮޕަރޭޝަންތަކާއި، މައްސަލަ ތަހުގީގު ކުރުމާއި ޓެކްނިކަލް ދާއިރާތަކުން ކުރިއަށް ދިއުމަށް އެކަމަނާ ބާރުއެޅުއްވިއެވެ. އަދި އަންހެނުންނަށް ވަޒީފާގައި ދެމިތިބެވޭނެ ފަދަ އާއިލީ ޒިންމާތަކާ ގުޅޭ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.
ތައުލީމީ އަދި ސިއްހީ ދާއިރާއާ އަޅާބަލާއިރު ފުލުހުންގެ ހިދުމަތުގައި އަންހެނުންގެ ނިސްބަތް މަދުކަން ފާހަގަކުރައްވައި، ސާޖިދާ ވަނީ 2028 ވަނަ އަހަރުގެ ނިޔަލަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް އަންހެން އޮފިސަރުންގެ ގާބިލްކަން އިތުރުކޮށް، ސިޔާސަތު ކަނޑައަޅާ ފެންވަރުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ގޮވާލައްވާފައެވެ.


