Tuesday, 28 July 2026
ފޮޓޯ:ޕީޖީ އޮފީސް

މައްސަލަތަކުގެ ދިރާސާކުރާ ލިޔުންތައް ބެލޭނެ އިންތިޒާމު ޕީޖީ އޮފީހުގައި ހަމަޖައްސައިފި

ހެކި ރައްކާތެރި ކުރުމުގެ އަމުރުގެ ދަށުން، ކަނޑައެޅޭ ވަކި ޝަރުތުތަކަކާއެކު މައްސަލަތަކުގެ ދިރާސާ ކުރާ ލިޔުންތައް ބެލުމުގެ އިންތިޒާމު ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގައި ހަމަޖައްސާފައިވާ ކަމަށް އެ އޮފީހުން މިއަދު ހާމަކޮށްފިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، ހެކި ރައްކާތެރި ކުރުމުގެ އަމުރުގެ ދަށުން ރައްކާތެރި ކުރާ ލިޔުންތައް ކޯޓުގައި ބަލައި ދިރާސާ ކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކޯޓުތަކަށް ދަތިވާނަމަ، ކަނޑައެޅޭ ޝަރުތުތަކާއި އުސޫލުތަކާއެކު ޕީޖީ އޮފީސް ނުވަތަ ކޯޓަށް ޤަބޫލުކުރެވޭ ދައުލަތުގެ އިދާރާއެއްގައި އެ އިންތިޒާމު ހަމަޖެއްސުމަށް އެންގުމުގެ އިޚްތިޔާރު މައްސަލަ ބައްލަވާ ފަނޑިޔާރަކަށް ލިބިގެންވާ ކަމަށެވެ. މިގޮތުން މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން އެ އޮފީހުގައި މި އިންތިޒާމު މިހާރު ވަނީ ގާއިމުކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އިންތިޒާމު ކުރިއަށްދާނީ "ހެކި ރައްކާތެރި ކުރުމުގެ އަމުރުގެ ދަށުން ޝަރުތުތަކާއެކު ޕީޖީ އޮފީހުގައި ހެކިތައް ބަލައި ދިރާސާ ކުރުމުގެ ފުރުސަތު ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށެވެ. މި އުސޫލުގެ ދަށުން ދައުވާ ލިބޭ ފަރާތަށް ލިޔުންތައް ދެއްކުމަށް ކޯޓަކުން އަމުރުކޮށްފިނަމަ، އެކަމަށް އެދި ހުށަހަޅަންޖެހޭނީ ޚާއްސަ ފޯމެއް މެދުވެރިކޮށެވެ.

"ހެކި ރައްކާތެރި ކުރުމުގެ އަމުރުގެ ދަށުން ޕީޖީ އޮފީހުގައި ހެކި ބަލައި ދިރާސާ ކުރުމަށް އެދި ހުށަހަޅާ ފޯމު" ޕީޖީ އޮފީހުގެ ރަސްމީ ވެބްސައިޓުން މިހާރު ލިބެން ހުންނާނެ ކަމަށްވެސް އެ އޮފީހުން ވިދާޅުވިއެވެ. މިއީ ދިފާއަށް ލިޔުންތައް ދިރާސާ ކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް ޕީޖީ އޮފީހުން ފާހަގަކުރެއެވެ.

މި އުސޫލުގެ ދަށުން ހެކިތައް ބަލައި ދިރާސާ ކުރުމުގެ ފުރުސަތު ދެވޭނީ ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ހެކިތަކަށް އެކަނި ކަމަށާއި، އެކަން ކުރިއަށްދާނީ އެކަމަށް ޚާއްސަ ކުރެވިފައިވާ ތަނެއްގައި، ކޯޓު އަމުރުގައި ކަނޑައަޅާފައިވާ މިންވަރަކަށް ކަމަށްވެސް ޕީޖީ އޮފީހުގެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *