ހައްސާސް މައްސަލަތަކުގައި ހިމެނޭ މީހުންގެ ޒާތީ މައުލޫމާތު، ކިތަންމެ ބޮޑު ޕްރެޝަރެއް ކުރިމަތިވި ކަމުގައި ވިއަސް އާންމު ނުކުރުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މި މައުލޫމާތު އާންމުކުރުމުގެ މައްސަލަ ފެންމަތިވީ، ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ފުލުހުންގެ މުއައްސަސާއިން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އަނިޔާ ލިބުނު ކުއްޖެއްގެ ހައްސާސް މައުލޫމާތުތަކެއް ހާމަކުރުމާ ގުޅިގެން އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އެކަމާ ގުޅިގެން ރައީސް ވިދާޅުވީ އެއީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި، ނަމަވެސް އެދުވަހު އެކަން އެގޮތަށް ކުރަން ޖެހުނީ މަޖުބޫރުވެގެން ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ މައްސަލައިގައި ތަހުގީގު ކުރާ ފަރާތްތަކުން ގޯހެއް ހަދާފައިވާ ކަމަށް ތުހުމަތުކޮށް، މީސްމީޑިއާގައި އެކި ގޮތްގޮތަށް ވާހަކަ ދައްކަމުން ދިއުމުގެ ސަބަބުން ތަހުގީގު ކުރާ ފަރާތްތަކަށް ވެސް ނުރައްކާ ކުރިމަތިވިއެވެ. "އެކުއްޖާ ކޭސްގަ އެދުވަހު އަސްލު އެއްވެސް މައުލޫމާތެއް ނުދީ ވާން ޖެހޭ ކަމެއް. އެކަމަކު އެކަމުގައި މަސައްކަތް ކުރި ފަރާތްތަކަށް އެއައި އިލްޒާމުތަކާއި މީސްމީޑިއާގައި ހާއްސަކޮށް ފަތުރަމުން ދިޔަ ބައިވަރު ވާހަކަތަކުގެ ސަބަބުން އެކަމުގެ އުޅުއްވި ބޭފުޅުން ހަމަ ލިމިޓެޑް މައުލޫމާތު ދިނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެފަދަ މައުލޫމާތު ހާމަކުރުމަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ ވެސް ހިލާފު ކަމެއް ކަމަށާއި، އެއީ އެމަނިކުފާނު ވެސް ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ. އަދި އެދުވަހު މަޖުބޫރުވެގެން މައުލޫމާތު އާންމު ކުރުމުގެ ސަބަބުން އެކަމުގައި އުޅުއްވި ބައެއް މުވައްޒަފުން މިހާރު ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ކޮންމެ މީހެއްގެ ވެސް ހައްގުތަކެއް ވާކަމާއި އެއީ ހިމާޔަތް ކުރަން ޖެހޭ އެއްޗެއްކަން އެންމެން ވެސް ގަބޫލުކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ މައުލޫމާތު އާންމު ކުރަން މަޖުބޫރު ނުވާނީ ހުރިހާ އެންމެން ވެސް އެއް ވިސްނުމެއްގައި ތިބެގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މައްސަލައަށް ރިއާޔަތްކޮށް، ކުރިއަށް އޮތްތަނުގައި ކިތަންމެ ބޮޑު ޕްރެޝަރެއް ކުރިމަތިވި ކަމުގައި ވިއަސް، ވިކްޓިމްގެ ޒާތީ މައުލޫމާތު އެއްވެސް ހާލެއްގައި އާންމު ނުކުރުމަށް މިހާރު އިދާރާތަކަށް އަންގާފައިވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ ދެއްވާފައެވެ.


