Tuesday, 28 July 2026
(ކ-ވ) އާދަމް ޝަރީފް އުމަރު، ދިޔާނާ އަދި ތޯރިޤް

އާދަމް ޝަރީފާއި ތޯރިގު އަދި ދިޔާނާ އައްޔަންކުރެއްވީ ސަފީރުކަމުގެ މަގާމުތަކަށް: މުންދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކުރީގެ ދެ ވަޒީރުން ކަމަށްވާ އާދަމް ޝަރީފް އުމަރާއި ތޯރިގު އިބްރާހީމްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަން ކުރެއްވީ، ހުސްވެފައިވާ ސަފީރުކަމުގެ މަގާމުތަކަށް އެ ބޭފުޅުން ފޮނުއްވުމަށް ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ވަނީ އެ ބޭފުޅުންނަށް މަގާމު ދިނުމަށްޓަކައި އާ މަގާމުތަކެއް އުފެއްދި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ބުނެފައެވެ. މުންދު ވިދާޅުވީ އެ ބޭފުޅުން ކުރިއަށް އޮތް ތަނުގައި ވަޑައިގަންނަވާނީ ސަފީރުކަމުގެ މަގާމުތަކަށް ކަމަށާއި، މިހާރު އެމްބެސެޑާ އެޓް ލާޖުގެ މަގާމުގައި ތިއްބެވީ ދެ ގައުމުގެ ދޭތެރޭގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ނިމެންދެން ކަމަށެވެ.

"އާ މަގާމުތަކެއް އުފައްދައިގެން ނޫޅޭ، އެބޭފުޅުން ކުރިއަށް އޮތް ތަނުގައި ސަފީރު ކަމަށް ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ. އެކަމަކު، ދެ ގައުމުގެ ދޭތެރޭގައި ހަމަޖެހެން ޖެހޭ ކަންތައްތަކެއް ހުރީމަ، އެކަން ކަން ހަމަޖެހެންދެން އެ ބޭފުޅުން މަގާމުތަކުގައި ތިއްބަވާނީ،" މުންދު ވިދާޅުވިއެވެ. މިއީ މީގެ ކުރިން ވެސް އަމަލުކުރަމުން އަންނަ އުސޫލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ވަގުތު ރާއްޖެއިން ބޭރުގެ ބައެއް މުހިންމު ގައުމުތަކުގެ ސަފީރުކަމުގެ މަގާމުތައް އޮތީ ހުސްކޮށެވެ. އޭގެ ތެރޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، އިނގިރޭސިވިލާތް އަދި ބެލްޖިއަމްގެ ސަފީރުކަމުގެ މަގާމު ހިމެނެއެވެ.

މި މަހުގެ މެދުތެރޭގައި ކެބިނެޓުން އިސްތިއުފާ ދެއްވި ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަރީފް އުމަރަކީ މި ސަރުކާރުގެ ސިޓީސް، ލޯކަލް ކައުންސިލް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ތޯރިގު އިބްރާހީމަކީ އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނާޖީ މިނިސްޓަރުގެ މަގާމު ފުރުއްވި ބޭފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *