ނަފުސާނީ ބަލިތަކަށް ހާއްސަ ކޮށްގެން ލ. ގަމުގައި އިމާރާތްކުރަން ނިންމި ހޮސްޕިޓަލްގެ މަސައްކަތް ނުފެށި ދިގުލައިގެންދާތީއާއި، ނަފްސާނީ އެހީތެރިކަން މުޖުތަމައުގައި ބޭނުންވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ސަރުކާރުގެ ބަޖެޓުން މާލޭގައި މެންޓަލް ހެލްތް ހޮސްޕިޓަލެއް އަޅަން ނިންމައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ބޭރުގެ ލޯނު އެހީގައި މި މަޝްރޫއު ކުރިއަށް ގެންދަން ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، ލޯނު ހަމަޖެހުމުގެ މަރުހަލާ ދިގުލައިގެން ދިއުމުގެ ސަބަބުން މަސައްކަތް ފެށުން ލަސްވަމުންދާ ކަމަށެވެ. އަދި ނަފުސާނީ ބަލިތަކުގެ މައްސަލައަކީ އިތުރު އެހީތެރިކަން ބޭނުންވާ މިންވަރަށް ގޮސްފައިވާ ކަމަކަށްވާތީ، ސަރުކާރުން މިހާރު ވަނީ ދައުލަތުގެ ބަޖެޓުން މި ހޮސްޕިޓަލް އެޅުމަށް ނިންމާފައެވެ.
"އަޅުގަނޑުމެން މި ނިންމީ ނިއު ޕޮލިސީ އިނީޝީއޭޓިވް ގެ ގޮތުގައި މިއަހަރުގެ ބަޖެޓުގައި ކަނޑައެޅި ސްޕޭސްގެ ތެރެއިން މި ޕްރޮޖެކްޓު ކުރިއަށް ގެންދިއުމަށް. ލޯނު ލިބިގެން ކުރިއަށްގެންދާ ޕްތރޮޖެކްޓް ފަށަން ނިންމާފައި އޮތީ ލ. ގަމުގައި. އެ ޕްރޮޖެކްޓް އެތަނުގައި ކުރިއަށް ގެންދިއުން އެބައޮތް. ކެންސަލެއް ނުކުރަން. މާލޭގައި މިހާރު މި ނިންމީ މި ހޮސްޕިޓަލް އަޅަން. މާލޭގައި ފަރުވާ ހޯދާ ކުދިން ވެސް ގިނައީ،". ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މި އަހަރުގެ މިހާތަނަށް އާސަންދައިގެ ދަށުން 10,954 މީހުން ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދާފައިވާ ކަމަށެވެ. މީގެ ތެރެއިން 8,125 މީހުންނަކީ މާލެ ސަރަހައްދުން ފަރުވާ ހޯދި މީހުން ކަމަށްވާތީ، ހޮސްޕިޓަލް ގާއިމުކުރުމަށް ނިންމާފައިވަނީ މާލޭގައެވެ. މީގެ ކުރިން މި ހޮސްޕިޓަލް އެޅުމަށް މަޝްވަރާ ކުރެވިފައިވަނީ ލާމު އަތޮޅުގައެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ލޯނު ފެސިލިޓީގައި ގަމުގައި އެޅުމަށް ނިންމާފައިވާ ހޮސްޕިޓަލަކީ 14000 އަކަފޫޓުގެ ބިމެއްގައި އެޅުމަށް ޑިޒައިންކޮށްފައިވާ ހޮސްޕިޓަލެއްކަމަށެވެ. އަދި އެ މަޝްރޫޢަށް ގާތްގަނޑަކަށް 18 މިލިޔަނެއްހާ ޑޮލަރު ޚަރަދުވާނެކަމަށް ލަފާކުރެވޭކަމަށް ވިދާޅުވިއެވެ. މާލޭގައި އެޅުމަށް ނިންމާފައިވާ ހޮސްޕިޓަލަށްވެސް އެވަރުގެ ބިމެއް މިހާރު ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ މި މަޝްރޫއުގެ ބިޑިން އަދި ޕްރޮކިއުމަންޓް މަސައްކަތްތައް އަވަހަށް ފަށައި، އަމަލީ މަސައްކަތް އަވަސްކުރުމެވެ. އަދި މިކަމަށް ހޯދަން މަސައްކަތްކުރި ލޯނު ފެސިލިޓީ، ސިއްހީ ދާއިރާގެ އެހެން ކަމަކަށް ބަދަލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.


