ރ. އިންނަމާދޫގައި މިއަދު ހިނގި ނުރައްކާތެރި ހާދިސާއެއްގައި ހަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އެ ރަށުގައި ބަނދެފައިވާ ސަފާރީ ބޯޓަކަށް އޭގެ ޑެގް އަރުވަން އުޅުމުގެ ތެރޭގައި ޑެގުގަނޑު ކަހާލައިގެން ވެއްޓުމުގެ ސަބަބުންނެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ޖުމްލަ ހަ މީހަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ފަސް ބިދޭސީންނެވެ. ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި އެންމެންނަކީވެސް އެ ވަގުތު ޑެގުގަނޑު އެރުވުމުގެ މަސައްކަތުގައި އުޅުނު މީހުންނެވެ.
މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން އެކެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން އެކެއްގެ މޭކަށިގަނޑު ބިނދި ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، ދެން ތިބި މީހުންގެ ހަށިގަނޑުގެ އެކި ތަންތަނުން ކަށި ބިނދިފައިވާ ކަމަށް އެނގިފައިވެއެވެ.
އަނިޔާވި ހަ މީހުންނަށްވެސް މިހާރު ދަނީ ރ. އުނގޫފާރުގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ހޮސްޕިޓަލުން އެ މީހުންގެ ހާލަތު އިތުރަށް ބަލަމުންދާއިރު، ބައެއް މީހުންގެ ހާލު ސީރިއަސްވުމާ ގުޅިގެން އިތުރު ފަރުވާއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.


