މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގަމުންދާ މެންޓަލް ހެލްތް ޑިޕާޓްމެންޓަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދުމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން އިއުލާންކޮށްފިއެވެ. ހުޅުމާލޭގައި ގާއިމްކޮށްފައިވާ މި އިދާރާއަށް މުވައްޒަފުން ހޯދުމަށް އިއުލާންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މި ފަހަރު އިއުލާންކޮށްފައިވާ މަގާމުތަކުގެ ތެރޭގައި ހިމެނެނީ ލީޑް ސޯޝަލް ސަވިސް ވޯކަރެއްގެ މަގާމާއި، ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ ދެ މަގާމުގެ އިތުރުން، ސީނިއާ ސޯޝަލް ސާވިސް ވޯކަރުންގެ ގޮތުގައި މަސައްކަތް ކުރާނެ ނުވަ ފަރާތެކެވެ. މިއީ އެ ޑިޕާޓްމެންޓުގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.
މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މަގާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މި މަހުގެ 30 ވާ ބުދަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން jobs@health.gov.mv އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.
މެންޓަލް ހެލްތު ޑިޕާޓްމަންޓަކީ ރާއްޖޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއިން ދެވޭ ހިދުމަތްތައް ހަރުދަނާކޮށް، އިޖުތިމާއީ ގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ މުހިންމު އިދާރާއެކެވެ. މި މަގާމުތަކަށް މުވައްޒަފުން އައްޔަންކުރުމުން އެ އިދާރާގެ ހިދުމަތްތައް އަވަސްވެ، ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެވެ.


