ވައިގެ މަގުން ރާއްޖެ އަށް މަސްތުވާތަކެއްޗާއި މަނާ ބޭސްތަކެއް އެތެރެކުރި ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ ފިރިހެނުން ކަމަށްވާ އުމުރުން 40 އަހަރުގެ ޝިފުލްއާއި 32 އަހަރުގެ ސަޖިބްއެވެ.
ފުލުހުން ބުނީ އެ ދެމީހުން ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ.
ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 22 ވަނަ ދުވަހު ރާއްޖެ އައި މަގުމަތީގައި ކަސްޓަމްސްއިން އެ މީހުން ހުއްޓުވައި ބަލައި ފާސްކުރުމަށް ފަހުގައެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މި ދެ މީހުން ހިފަހައްޓާފައިވަނީ މަސްތުވާތަކެއްޗާއި މަނާ ބޭސް ރާއްޖެއަށް އެތެރެކުރިކަމުގެ ތުހުމަތުގައެވެ.
ޝިފުލް އާއި ސަޖިބް ރާއްޖެ އެތެރެކުރި ޑްރަގްގެ ބަރުދަނުގައި 1،105 ގުރާމް ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ދެ މީހުން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


