އެމްޑީޕީއަށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމަށާއި އެކަން ކުރެވޭނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެ އެވެ.
"ބޮޑު ބަދަލު"ގެ ނަމުގައި އައްޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، ގާނޫނުއަސާސީ އިސްލާހުކޮށް، ވެރިކަން ހިންގުމަށް ބޮޑެތި ބަދަލުތައް ގެނެވޭނީ އެމްޑީޕީއަށް ކަމަށެވެ. ފައްޔާޒް ވިދާޅުވީ ރާއްޖެއަށް ހެޔޮ ބަދަލުތައް އެމްޑީޕީނޫން ޕާޓީއަކުން ގެނެސްފައި ނެތް ކަމަށެވެ.
އެގޮތުން، ރައްޔިތުން ތާށިވެފައި ތިބި ތިބުމުން ނެއްޓި، ރައްޔިތުންނާ ވާހަކަ ދައްކައި، މި ސަރުކާރު ބަދަލުކުރަންޖެހޭ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.
"މި ބަދަލުތައް ގެނައުމަށްޓަކައި އެމްޑީޕީއަށް ބަދަލު އެބަ ގެންނަންޖެހޭ. އެމްޑީޕީއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އެބަ ގެންނަންޖެހޭ، އެމްޑީޕީގެ ހިންގުމަށް ބަދަލުތަކެއް ގެންނަންޖެހޭ، އަދި މި ހައްސާސީ ދަނޑިވަޅުގައި އެ ބަދަލުތައް އެމްޑީޕީގެ ތެރެއިން ގެނެވޭނީ ވަރުގަދަ ޝަޚުސިއްޔަތަކަށް. އަޅުގަނޑުމެންނަށް މިވަގުތު އެކަން ކުރެވޭނެ ބޭފުޅަކަށް ހަމައެކަނި ފެންނަނީ ރައީސް މުހައްމަދު ނަޝީދު،" ފައްޔާޒު ވިދާޅުވި އެވެ.
އެ ބަދަލުތައް ގެނެވޭނީ ނަޝީދަށް ކަމަށް، އޭނާ ވިދާޅުވިއެވެ. އަދި ފައްޔާޒް ވިދާޅުވީ، ގައުމު މި އޮތް ހާލަތުން އަރައިގަތުމަށް ގިނަ މީހުން އިތުބާރުކުރަނީ ނަޝީދަށް ކަމަށެވެ.
މިއަދުގެ މި ހާލަތަކީ ވަރަށް ހައްސާސީ ދަނޑިވަޅެއް ކަމަށާއި މިވަގުތު ވަކި ކަހަލަ ސިފަތަކެއް ހުރި މީހަކު އެމްޑީޕީއަށް ބޭނުންވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެގޮތުން ރައްޔިތުން ބަލައިގަންނަ އަދި ހުރިހާ ރައްޔިތުންނާއި ވާހަކަ ދެއްކޭނެ، ބައިނަލްއަގުވާމީ މުޖުތަމައުއާ ވާހަކަދެއްކޭނެ ވަރުގެ މީހަކަށް ވާންޖެހޭ ކަމަށާއި މި ކުރާ މަސައްކަތަކީ ރާއްޖެ ހަމަމަގަށް އަޅުވައި، ތާ އަބަދު ދަރިން މުޒާހަރާގައި ނުތިބޭނެ ގޮތެއް ހޯދުމަށްޓަކައި އެމްޑީޕީގެ ޗެއާޕާސަންކަމަށް ނަޝީދު ގެނައުމަށް ކުރާ މަސައްކަތެއް ކަމަށްވެސް ވިދާޅުވި އެވެ.
ފައްޔާޒް މިފަދައިން ވިދާޅުވިއިރު، ފާހަގަކުރެވޭ ގޮތުގައި އޭނާ ވެރިކަމަށް ގެންނަން ތާއީދުކުރައްވާކަން ނަޝީދު ވަނީ ހާމަކުރައްވައިފައެވެ.


