Wednesday, 29 July 2026
ރައީސް ޑރ. މުއިއްޒު އަދި މޭލެ ސިޓީ މޭޔަރު އާދަމް އާޒިމް -- ފޮޓޯ: ސީއެންއެމް

މާލެ ސިޓީގެ މޭޔަރަށް އަމާޒުވި ހަމަލާ ރައީސުލްޖުމްހޫރިއްޔާ ކުށްވެރިކުރައްވައިފި

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާދޭން މަސައްކަތްކުރި ހާދިސާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މޭޔަރަށް ހަމަލާދޭން މަސައްކަތްކުރާ ވީޑިއޯ ރައީސަށް ފެނިވަޑައިގެންފައިވާ ކަމަށެވެ. މާލޭ ސިޓީގެ މޭޔަރަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުވެވަޑައިގެންފައިވާ ބޭފުޅަކަށް ވީހިނދު، އެމަނިކުފާނަށް ނުވަތަ އެއްވެސް އެހެން ސިޔާސީ ލީޑަރަކަށް އެބޭފުޅެއްގެ ސިޔާސީ މަސައްކަތުގައި ނުވަތަ އަމިއްލަ ދިރިއުޅުއްވުމުގައިވިޔަސް، ހަމަލާދީ ހުރަސްއެޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮންމެ ރައްޔިތަކަށްމެ އަމާން މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ އަރުވާފައެވެ.

މި ހާދިސާއާ ގުޅޭގޮތުން ޗީފް ގަވަރންމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، މި ހަމަލާއަކީ ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށް މޭޔަރު އާޒިމް ވިދާޅުވުމަކީ ހައިރާންވާ ކަމެއް ކަމަށެވެ.

"މިއީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން، ސަރުކާރުގެ ފަރާތުން މިފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އަރުވަން،" ތަރުޖަމާނު ވިދާޅުވިއެވެ. މޭޔަރުގެ ތުހުމަތުތަކަކީ އެއްވެސް ހެއްކެއް ނެތް، ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި އެއީ ދަށު ދަރަޖައިގެ އަމަލެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުން ހާމަކުރި ގޮތުގައި، މި ހާދިސާ ހިނގި ފަހުން މިހާތަނަށް އެމްޑީޕީގެ ފަރާތުން ނުވަތަ ސިޓީ ކައުންސިލުންވެސް ރަސްމީކޮށް ފުލުހުންނަށް މައްސަލަ ރިޕޯޓުކޮށްފައެއް ނުވެއެވެ. މިފަދަ ހާދިސާތައް ރިޕޯޓު ނުކުރުމަކީ ފުލުހުންގެ ޒިންމާ އަދާކުރުމަށް އެޅޭ ހުރަހެއް ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. ނަމަވެސް، ސޯޝަލް މީޑިއާއިން ވީޑިއޯ ފެނުމާއެކު ފުލުހުން މިހާރު ދަނީ އަމިއްލަ އިސްނެންގެވުމުގެ މަތިން މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މާލެ ސިޓީގެ މޭޔަރަކީ އެދިވަޑައިގެންފިނަމަ ދައުލަތުން ސެކިއުރިޓީ ލިބޭނެ ބޭފުޅެއްކަން ފާހަގަކުރައްވައި ތަރުޖަމާނު ވިދާޅުވީ، ދައުލަތުގެ އިސް ބޭފުޅުންނަށް އޮތް ނުރައްކާ ބެލުމަށް ފުލުހުން އަބަދުވެސް ތްރެޓް އެސެސްމަންޓް ހަދަމުންދާނެ ކަމަށެވެ. އަދި އެފަދަ ނުރައްކަލެއް އޮތްކަން ފާހަގަވެއްޖެނަމަ، ފުލުހުން އިސްވެ ސެކިއުރިޓީގެ ކަންކަން ހަމަޖައްސައިދޭނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *