އިންޓަރެސްޓަކާ ނުލައި ޗައިނާ ސަރުކާރުން ފޯރުކޮށްދޭ ދީލަތި އެހީއެއްގެ ދަށުން، ވެރިރަށް މާލޭގައި އާންމުންނަށް އަމާޒުކޮށްގެން އިތުރު ފަސްސަތޭކަ ސޯޝަލް ހައުސިންގ ޔުނިޓު ބިނާކުރުމުގެ ރަސްމީ އެއްބަސްވުމެއްގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ބެއިޖިންގައި މިއަދު ސޮއިކޮށްފިއެވެ.
ހައުސިން މިނިސްޓްރީން 'އެކްސް’ގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ މިދިޔަ އަންގާރަ ދުވަހުން ބުދަ ދުވަހަށް ޗައިނާގެ ބެއިޖިންގައި ބޭއްވުނު 'ތާޑް ހައި-ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯ ޝެއާޑް ޑިވެލޮޕްމަންޓް’ގެ ހަވާސާގައި، ރާއްޖޭގެ ސަރުކާރުން ވަނީ މާލެ ސިޓީގައި 500 ސޯޝަލް ހައުސިންގް ޔުނިޓް ތަރައްގީކުރުމަށް ޔައުމިއްޔާއެއްގައި ސޮއިކޮށްފައި ކަމަށެވެ. އަދި މި މަޝްރޫއަށް ފައިސާ ހަމަޖައްސާނީ ޗައިނާ ސަރުކާރުން ފޯރުކޮށްދޭ 'އިންޓަރެސްޓް-ފްރީ' ފެސިލިޓީއެއްގެ ދަށުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދިވެހި ސަރުކާރު ތަމްސީލުކުރައްވައި ލިޔުންތަކުގައި ސޮއިކުރެއްވީ ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ޠޮއާމް މުޙައްމަދެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އޭޖެންސީ (ސިޑްކާ) ގެ ޗެއަރމަން ލިޔު ޖުންފެންގއެވެ. މި މަޝްރޫޢަކީ ދިވެހި ދައުލަތަށް އެއްވެސް މާލީ ބުރައެއް ނެތް ގޮތަށް، ފައިސާ ދައްކަން ނުޖެހޭ ހިލޭ އެހީގެ ގޮތުގައި ކުރިއަށްގެންދާނެ މަސައްކަތެއްކަން ކަމާބެހޭ ވުޒާރާއިން ކަށަވަރުކޮށްދެއެވެ.
މިނިސްޓްރީން ބުނި ގޮތުގައި ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއުތަކާ ބެހޭގޮތުން ދެ ގައުމުގެ ދެމެދުގައި މަޝްވަރާކުރުމަށް ސީއައިޑީސީއޭއާއެކު ވަނީ ބައްދަލުވުމެއް ވެސް ބާއްވާފައެވެ.


