"ޓެކްސީ ނަފާ" ލޯނު ސްކީމްގެ ދަށުން ލިބިފައިވާ ކާރުތައް ރަޖިސްޓަރީ ނުކުރެވި ލަސްވާ މައްސަލައާއި، ލޯނު އަނބުރާ ދެއްކުމުގައި ދިމާވެފައިވާ ދަތިތަކަށް އިންސާފުވެރި އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ދެއްވައިފިއެވެ.
ވަޒީރު ސަޢީދު މިކަމުގެ ޔަގީންކަން ދެއްވީ، ހއ. ދިއްދޫ، މުތީގޭ، އާދަމް ސަލީމް މީސްމީޑިއާގައި ޝާއިޢުކުރެއްވި ސިޓީއަކަށް ދެއްވި ޖަވާބުގައެވެ. އާދަމް ސަލީމް ހުށަހެޅުއްވި ސިޓީގައި ފާހަގަކޮށްފައިވަނީ، ލޯނު ސްކީމްގެ ދަށުން ލިބުނު ކާރުތައް ރަޖިސްޓަރީ ނުކުރެވި ލަސްވުމުގެ ސަބަބުން ވިޔަފާރި ނުފެށި، ނަމަވެސް ލޯނު ދައްކަން މަޖުބޫރުވަމުންދާތީ ރައްޔިތުންނަށް ބޮޑެތި ތަކްލީފުތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. މިގޮތުން ކާރުތައް ރަޖިސްޓަރީ ވަންދެން ލޯނު ދެއްކުން ފަސްކޮށްދިނުމަށާއި (މޮރެޓޯރިއަމް)، ރަޖިސްޓްރޭޝަންގެ ކަންކަން އަވަސްކޮށްދިނުމަށް އޭނާ ވަނީ އެދިފައެވެ.
މިކަމާ ގުޅިގެން ވަޒީރު ސަޢީދު ވިދާޅުވީ، އެ ސިޓީގައި ފާހަގަކޮށްފައިވާ ކަންކަން އިންސާފުވެރިކަމާއެކު ބަލައި، ކުރިއަށް ދެވޭނެ އެންމެ އަވަސް މަގުތަކާއި ހައްލުތައް ހޯދުމަކީ އެމަނިކުފާނުގެ އެންމެ އިސް އެއް ވާޖިބު ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި މި މައްސަލަތައް ބަލައިދިނުމަށް އެދި ޓްރާންސްޕޯޓްގެ ކަންކަން ބެލެހެއްޓެވުމާ މަސްއޫލުވެ ތިއްބެވި ބޭފުޅުންނަށް މިހާރު ދަންނަވާފައިވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މައިގަނޑު އަމާޒަކީ ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދިނުމެވެ. "ރައްޔިތުންގެ އަޑު އަބަދުވެސް އަހައިގެން، ރައްޔިތުން ހުށަހަޅާ ކަންކަން ޤާނޫނާއި ޤަވާޢިދުތަކުގެ ތެރެއިން ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.


