Tuesday, 28 July 2026
އޯގާތެރިވާށެވެ. ބޭނުންވަނީ އަޅާލުމާއި އެހީތެރިކަމާއި ލޯތބެވެ: ފޮޓޯ:ވައިޓީއެމް

ނާޒުކު ވަގުތުތަކުގައި ކަށަވަރު ނުވާ މައުލޫމާތު ނުފަތުރާ، އުއްމީދާއި ހިތްވަރުދިނުމަށް އެދި ސިއްހީ ވުޒާރާގެ އިލްތިމާސް!

ނަފްސާނީ ގޮތުން ދަތި އުނދަގޫ ވަގުތުތަކާ ކުރިމަތިލާންޖެހޭ ފަރާތްތަކަށް ހިތްވަރުދީ، ކަށަވަރުނުވާ މައުލޫމާތު ނުފެތުރުމަށް މިނިސްޓްރީ އޮފް ހެލްތުން އިލްތިމާސްކޮށްފިއެވެ. ކޮންމެ އިންސާނެއްގެ ފުރާނައަކީވެސް އަގުހުރި އަމާނާތެއްކަން ފާހަގަކޮށް، މީސްމީޑިއާގައި ފަތުރާ ހަގީގަތާ ހިލާފު ވާހަކަތަކުގެ ސަބަބުން އާއިލާތަކަށާއި ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ މީހުންނަށް ފޫނުބެއްދޭ ފަދަ ގެއްލުންތަކެއް ލިބިދާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިފަދަ ނާޒުކު ދަނޑިވަޅުތަކުގައި ހިތްދަތި މަންޒަރުތަކާއި ދޮގު މައުލޫމާތު ފެތުރުމުގެ ބަދަލުގައި، އެކަކު އަނެކަކަށް އުއްމީދާއި އެހީތެރިކަން ފޯރުކޮށްދިނުމަށް އާންމުންނަށާއި މީޑިއާތަކަށް ވަނީ ގޮވާލާފައެވެ. އަދި މުޖުތަމައުގެ އެންމެން ގުޅިގެން އެކަކު އަނެކަކުގެ ހާލުބަލައި، އޯގާތެރިކަމާއެކު އަޑުއަހާލުމަކީ މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ބޮޑު ބާރެއްކަމުގައި މިނިސްޓްރީން ފާހަގަކުރެއެވެ.

މީގެ އިތުރުން، ފާޑުކިޔުމާއި ބިރުވެރިކަން ފެތުރުމުގެ ބަދަލުގައި ހަމްދަރުދީއާއި އޯގާތެރިކަން އިސްކުރުމަކީ މުޅި ގައުމުގެ ޒިންމާއެއް ކަމަށް ބަޔާނުގައިވެއެވެ. ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ނޭޝަނަލް މެންޓަލް ހެލްތް ހޮޓްލައިން 1677 މެދުވެރިކޮށް 24 ގަޑިއިރު ހިދުމަތް ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *