Tuesday, 28 July 2026
ތެލެސީމިއާ ސެންޓަރު، --ފޮޓޯ: ޕީއެސްއެމް

އޮޅިގެން ތެލެސީމިއާ ކުދިންތަކެއްގެ ގަޔަށް ތަޣައްޔަރުވެފައި ހުރި ލޭ އެޅުނު މަައްސަލައެއް ފެންމަތިވެއްޖެ

ލޭ ރައްކާކޮށްފައި ހުރި އަލަމާރިއަށް މައްސަލައެއް ދިމާވެގެން އެހެން އަލަމާރިއަކަށް ބަދަލުކުރި ލޭ ޕެކެޓުތަކެއް، ޓެސްޓު ނުކޮށް ހުއްޓާ އޮޅިގެން ކުދިންތަކެއްގެ ގަޔަށް އަޅާފައިވާ މައްސަލައެއް މިއަދު ފެންމަތިވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެން މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް)ގެ ޑިރެކްޓަރު ޖެނެރަލް އަހްމީމް ފާރިޝް ވިދާޅުވީ، ޕޭޝެންޓުންގެ ގަޔަށް އެޅުނީ ކުނިވެފައިވާ ލެއެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ލޭ ރައްކާކޮށްފައި ހުރި އަލަމާރިއަށް މައްސަލައެއް ދިމާވުމުންނެވެ.

"ކުނިވެފައި ހުރި ލެއެއް ނޫން. އަލަމާރީގައި ލޭ ރައްކާކޮށްފައި ހުއްޓާ އަލަމާރި މައްސަލަ ޖެހުނީ 19 ދުވަހުގެ ރޭ. މައްސަލަ ޖެހިގެން މެސެޖު ލިބުމުން ހަމަ އެ ރޭ އޭގެ ރަނގަޅު އަލަމާރިއަށް ބަދަލުކުރީ. ދެން ވަކި ގޮތެއް ނުނިންމާ ހުއްޓާ ނަރުސް ކުދިންނަށް އެޅުނީ،" އަހްމީމް ވިދާޅުވިއެވެ.

އަހްމީމް އިތުރަށް ވިދާޅުވީ، އެހެން އަލަމާރިއަކަށް ބަދަލުކުރުމަށްފަހު އެ ލޭ ބޭނުންކުރަންވާނީ ޓެސްޓުތަކެއް ހެދުމަށްފަހު ކަމަށް އޮތް ނަމަވެސް، އެ ޓެސްޓުތައް ނުހަދާ ހުއްޓާ އޮޅިގެން ތިން ޕެކެޓެއް ބޭނުންކުރެވިފައިވާ ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، އިހުމާލެއް އޮތްތޯ ބެލުމަށް އެމްބީއެސްއިން މިހާރު ވަނީ ތަހުގީގެއް ފަށާފައެވެ. ސިއްހީ ދާއިރާގެ މިފަދަ ހާދިސާތަކަކީ ތެލެސީމިއާ ކުދިންނާއި އެ ކުދިންގެ އާއިލާތަކުގެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *